ދުނިޔޭގެ ވިޔަފާރި

ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޖީ ސެވަންގެ އެހީ


ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށް 1 ބިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ޖީ ސެވަން ޤައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމުގައި އެއްބަސްވެއްޖެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށްފަހު އެއްތަނަކަށް އެއްވެ، ޖީ ސެވަން ބައްދަލުވުންތައް ފަށާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ކެނެޑާ، ފްރާންސް، ޖަރުމަނުވިލާތް، ޖަޕާން، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނޭގޮތަށް ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި ޤައުމުތަކަށް ދިމާވާ ސިއްޙީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ ކަންތައްތައްތަކަށް ޙައްލު ހޯދޭނީ ޤައުމުތަކުގެ އެއްބާރުން ލިބިގެންކަމަށް ޤައުމުތަކުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ކޯންވޯލް ސީސައިޑް ރިސޯޓް ކާރބިސް ބޭގައި ފަށާފައިވާ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވިގޮތުގައި ލީޑަރުންގެ މި ބައްދަލުވުމަކީ ކޮރޯނާވައިރަސްގެ މި ބަލިމަޑުކަމުން ފިލާވަޅެއް ހޯދުމުގެ ފުރުޞަތުކަމާއި އަދި މިކަހަލަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ. އަދި އިޤްޠިޞާދުތައް ކުރިއަރައިގެން ދޭތޯ ޤައުމުތަކުން ޔަޤީންކުރަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޤްޠިޞާދީ ގޮތުން ހީނަރުވެފައިވާ ޤައުމުތަކަށް ވެކްސިން ފޯރުކޮށްނުދޭ މައްސަލައިގައި ދުނިޔޭގެ އެންމެ މުއްސަނދި ހަތް ޤައުމުކަމަށްވާ ޖީ ސެވަން ޤައުމުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިގޮތުން އެމެރިކާއިން ކުރިން ބުނެފައިވަނީ އެމެރިކާގެ އެތެރޭގައި ބޭނުންކުރުމަށް ފުދޭވަރަށް ވެކްސިން ލިބުމުން ނޫނީ އެޤައުމުން ބޭރަށް ވެކްސިން ނުފޮނުވޭނެކަމަށެވެ. މިކަމުގެ ސަބަބުން އެމެރިކާއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އިނގިރޭސިވިލާތް އަދި އީޔޫއަށްވެސް ވަނީ ފާޑުކިޔުންތައް ކުރިމަތިވެފައެވެ.

ނަމަވެސް މި ބަލިމަޑުކަން އަންނަ އަހަރު ނިންމުމަކަށް ގެނައުމުގެ މަޤްޞަދުގައި ވެކްސިން ފޯރުކޮށްދިނުމުގައި ކޮންމެ ޤައުމެއްވެސް ވަކިވަކިން ބައިވެރިވާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުން މިހާރުވެސް ވަނީ އަންނަ އަހަރު ނިމެންވާއިރަށް 100 މިލިއަން ޑޯޒް ހަދިޔާކުރާނެކަމަށް ބުނެފައެވެ. ފައިޒާ އަދި ބަޔޯއެންޓެކްގެ 500 މިލިއަން ޑޯޒް މަދުން އާމްދަނީ ލިބޭ ޤައުމުތަކަށް ހަދިޔާކުރާނެކަމަށް އެމެރިކާއިންވެސް ވަނީ ބުނެފައެވެ.

ޖީ ސެވަން ބައްދަލުވުންތަކުގައި އީޔޫ ތަމްސީލުކުރާ ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވިގޮތުގައި މި ބަލިމަޑުކަން ނައްތާލުމަށްޓަކައި މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން އިޔޫއިންވެސް ބައިވެރިވާނެކަމަށެވެ. މިހާރު ކުރިއަށް ދާ ޖީ ސެވަން ޤައުމުތަކުގެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް ވާހަކަ ދެކެވޭ އެއް މަޢުޞޫއަކީ ކޯވިޑްގެ ބަލިމަޑުކަމުގެ ވާހަކައެވެ.

މިދިޔަ އަހަރު ކުރިމަތިލާންޖެހުނު މި ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔެއިން 174 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު 3.7 މިލިއަން މީހުން މި ބަލީގައި މަރުވެފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.