ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި އިނގިރޭސިވިލާތުން ވިޔަފާރީގެ މަޝްވަރާތައް ފަށަނީ


އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ ކެތްރީން ތައި އިނގިރޭސިވިލާތުގެ ވިޔަފާރިއާއިބެހޭ ވަޒީރު އެލިޒަބަތު ޓްރަސް އާއި އަންނަ ހަފްތާގައި ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އަންނަ ބުދަ ދުވަހު އިނގިރޭސިވިލާތަށް ކެތްރީން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ބްރަސަލްސްގައި ފެށުމަށް ހަމަޖެހިފައިވާ އެމެރިކާއާއި ޔޫރަޕް އިއްޠިޙާދު ސަމިޓްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއެކު ކެތްރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ސަމިޓަށްފަހު ޤައުމުތަކުގެ މެދުގައި ބައްދަލުވުންތައް ބާއްވާނެ ކަމަށާއި މިގޮތުން އީޔޫގެ ޓްރޭޑް ކޮމިޝަނަރ ވަލްޑިސްއާވެސް ބައްދަލުކުރަން ހަމަޖެހިފައިވާކަމަށް ކެތްރީންގެ އޮފީހުން ބުނެއެވެ.

އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ސަމިޓަށްފަހު ބުދަ ދުވަހު ލަންޑަނަށް ވަޑައިގެން ދެ ޤައުމުގެ ދެމެދުގައި ވާހަކަތައް ދައްކަވާނެކަމުގައި އެ އޮފީހުން ބުނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދައުރުގައި އަޅާފައިވާ ޓެކްސްގެ ފިޔަވަޅުތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުންތަކާއި ހެދި އިނގިރޭސިވިލާތާއެކު ވާހަކަތައް ކުރިއަށްގެންދިއުމަށް އެމެރިކާ އޮތީ ބޭނުންވެފައެވެ.

ޓްރަމްޕްގެ ރިޔާސަތުގައި ދެ ޤައުމުގެ ދެމެދުގައި ފްރީ ޓެރޭޑް އެއްބަސްވުމެއް ޤާއިމުކުރުމުގެ ވާހަކަތައް ދެކެވިފައި އޮތްނަމަވެސް ބައިޑަން ވެރިކަމާއި ޙަވާލުވިއިރުވެސް މި ވާހަކަތަކަށް ޢަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

ފްރީ ޓްރޭޑް އެއްބަސްވުމެއް ޤާއިމުކުރުމުގައި އެމެރިކާގެ އޮފިޝަލުންގެ އެއްބާރުލުން ލިބޭކަމަށާއި ނަމަވެސް އެކަންކުރެވޭނީ ކޮން ވަގުތެއްގައިކަމެއް ސާފުނުވާކަމަށް އިނގިރޭސިވިލާތުގެ އެމްބެސެޑަރ ކަރެން ޕިއާރސް ވަނީ ވިދާޅުވެފައެވެ.