ވިޔަފާރި

އެއަރޕޯޓެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެ: ފައްޔާޒު


ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން އެއަރޕޯޓެއްގެ އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް ކޮންޓްރޯލާއެކު އެއަރޕޯޓްތަކުގެ 100 އިންސައްތަ ހިއްސާ ބޭރު ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓެއްގެ އެއަރ ޓްރެފިކް އޮޕަރޭޝަން ރާއްޖޭގެ އަމިއްލަ ފަރާތަކަށް ނޫނީ ބޭރު ފަރާތަކަށްވެސް ދޭން ނިންމާފައިނުވާކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ބަލަހައްޓާނީ ދައުލަތުންކަމަށެވެ.

ހަނިމާދޫ އެއަރޕޯޓް ބޭރު ބަޔަކަށް ދޭން އުޅޭކަމަށް ދައްކަމުންދާ ވާހަކަތަކަށްވެސް މިނިސްޓަރ ފައްޔާޒު ވަނީ ރައްދު ދެއްވާފައެވެ. މިގޮތުން ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމުގައިވީ ނަމަވެސް އެ އެއަރޕޯޓު ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެ ވަނީ ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްކުރުމާއިބެހޭ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އުސޫލަށް ގެނައި ބަދަލުގެ ދަށުން ރާއްޖޭގައި އެއާރ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެއެވެ.