ދުނިޔޭގެ ވިޔަފާރި

ކާރުޚާނާތަކަށް ކޮރޯނާ ވައިރަސްފެތުރި ތައިލޭންޑުން މުދާ ބޭރުކުރުމަށް ދަތިތަކެއް


ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ހީނަރުވެފައިވާ އިޤްޠިޞާދާއި ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށްޖެހުމުގެ މަސައްކަތްކުރާ މި ދަނޑިވަޅުގައި ކާރުޚާނާތަކަށް ވައިރަސް ފެތުރި ތައިލޭންޑުން މުދާ ބޭރުކުރާ މިންވަރު ދަށްވެ އެ ސެކްޓަރަށް ހީނަރުކަން އަތުވެދާނެކަމަށް ކާރުޚާނާތަކުން ބުނެފިއެވެ.

ޖަލުތަކާއި މަރާމާތުކުރާ ކޭމްޕްތަކާއެކު މުދާ އުފައްދާ ކާރުޚާނާތަކުގައިވެސް މިހާރުވަނީ ވައިރަސް ފެތުރި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައެވެ. އިންޓަރނޭޝަނަލް ބްރޭންޑްތައް ސަޕްލައި ކުރާ ކާރުޚާނާތައްވެސް ހިމެނޭގޮތަށް 11 ޕްރޮވިންސެއްގައި 130 ކާރުޚާނާއަކުން 7100 އަށްވުރެ ގިނަ ކޭސްތައް ވަނީ ފެނިފައެވެ.

63 ހާސް ކާރުޚާނާގައި 3.4 މިލިއަން މީހުން މަސައްކަތްކުރާ ތައިލޭންޑުގެ ވައިރަސް ފެތުރިފައިވާ ކާރުޚާނާތަކަކީ މި ޢަދަދުގެ ކުޑަ މިންވަރެއް ކަމުގައިވިޔަސް އެންމެ ގިނައިން އާމްދަނީ ލިބޭ އެއް ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ މުޅިހެން ހީނަރުވެފައިވާތީ މުދާބޭރުކުރާ މިންވަރަށް ބަރޯސާ ވާންޖެހިފައިވާ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން އޮފިޝަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ އަހަރު ތައިލޭންޑުން މުދާބޭރުކުރި މިންވަރަކީ ޖީޑީޕީގެ 45 އިންސައްތައެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ތައިލޭންޑުގެ އިޤްޠިޞާދު މިދިޔަ އަހަރުވަނީ 6.1 އިންސައްތައަށް ދަށްވެފައެވެ. މިއާއެކު މިދިޔަމަހު އެ ޤައުމުގެ ސަރުކާރުންވަނީ 2.5 އާއި 3.5 އިންސައްތައިން 1.5 އާއި 2.5 އިންސައްތައަށް ޖީޑީޕީ ދަށްވާނެ ކަމަށް ލަފާކޮށްފައެވެ.

ކަރަންޓުގެ ސާމާނާއި އަންގި އަދި ބައެއް ކަހަލަ ކާބޯތަކެތި އުފައްދާ ކާރުޚާނާތަކަށް ވަނީ ވައިރަސްގެ އަސަރު ފޯރާފައިކަމަށާއި ނަމަވެސް ޖުމްލަކޮށް ލިބިފައިވާ ގެއްލުމަކީ ކޮބައިކަން ބުނަން އަދި މާ އަވަސްކަމުގައި ފެޑެރޭޝަން އޮފް އިންޑަސްޓްރީޒްގެ ވައިސް ޗެއަރމަން ވަނީ ބުނެފައެވެ. އަދި މިގޮތަށް ވައިރަސް ފެތުރިގެންދާނަމަ ކާރުޚާނާތަކަށް ލިބޭ ގެއްލުން އިތުރުވެގެންދާނެކަމަށާއި މުވައްޒަފުންނަށް ވެކްސިން ދިނުން އަވަސްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައެއް ކާރުޚާނާތަކުގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލަންޖެހި މުވައްޒަފުން ކަރަންޓީނަށް ފޮނުވަންޖެހިފައިވާއިރު އަނެއްބައި ތަންތަނުގެ ބައެއް މަސައްކަތްތައް ވަނީ ހުއްޓާލަންޖެހިފައެވެ.

ތައިލޭންޑުން 199264 މީހުންނަށް ބަލިޖެހިފައިވާއިރު 1466 މީހުން މި ބަލީގައި މަރުވެފައިވާކަމަށް މިހާތަނަށް ވަނީ ރެކޯޑްކުރެވިފައެވެ.