ތެލުގެ ސިނާޢަތަށް އައި ބޮޑު ހީނަރުކަމެއްގެ ސަބަބުން ސަޢުދީ ޢަރަބިއާގެ ޖީޑީޕީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3 އިންސައްތަ ދަށްވެއްޖެއެވެ.
މިއީ ސަޢުދީން ޖީޑީޕީ ކުރިއަރާނެކަމަށް ލަފާކޮށްފައިވާ ޢަދަދަށްވުރެ ކުޑަތަންކޮޅެއް ދަށް ޢަދަދެއްކަމަށާއި އަދި މިދިޔަ އަހަރުގެ ޖީޑީޕީ އަށްވުރެ 1 އިންސައްތައިގެ ދަށްވުމެއް ކަމަށްވެސް އެ ޤައުމުގެ ތަފާސް ހިސާބުތަކާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ތެލުގެ އަގު މިއިން ދުވަހަކުވެސް ނުވެއްޓޭވަރަށް ވެއްޓުމުގެ ސަބަބުން މިދިޔަ އަހަރު ސަޢުދީއަށް ކުރިމަތިލާން ޖެހުނީ އިޤްޠިޞާދީ ގޮތުން ބޮޑު ގޮންޖެހުމަކާއެވެ.
ސަޢުދީގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިކްސްއިން ދައްކާގޮތުގައި ތެޔޮ ފިޔަވައި އެހެނިހެން ހުރިހާ އުފެއްދުންތަކެއް ވަނީ 2.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް ތެޔޮ އުފައްދާ މިންވަރު ވަނީ 11.7 އިންސައްތައަށް ވެއްޓިފައެވެ. މިދިޔަ އަހަރު މި ޢަދަދު ވަނީ 4.6 އިންސައްތައަށް ދަށްވެފައެވެ.
ތެޔޮ ފިޔަވައި އެހެނިހެން އުފެއްދުންތައް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރުވެފައިވާއިރު އެޤައުމުގެ އިޤްޠިޞާދު ވަނީ 3.3 އިންސައްތައަށް ދަށްވެފައިކަމުގައި އޮތޯރިޓީން ބުނެއެވެ.
އިންފްލޭޝަން އެއް ހަމައެއްގައި ހިފަހައްޓައިދޭ މިންގަނޑެއްކަމަށްވާ ރިއަލް ޖިޑީޕީ 4.1 އިންސައްތައަށް ދަށްވެފައިވާއިރު އައިއެމްއެފްއިން އުންމީދުކުރަނީ މިއަހަރު ސަޢުދީގެ އިޤްޠިޞާދު 2.1 އިންސައްތައަށް އިތުރުވާނެކަމަށެވެ. މީގެއިތުރުން އަމިއްލަ ވިޔަފާރިތައް 4.4 އިންސައްތައަށް ކުރިއަރާފައިވާއިރު ސަރުކާރު ކުންފުނިތައް ވަނީ 0.4 އިންސައްތައަށް ދަށްވެފައިކަމުގައި ރަސްމީ ހިސާބުތަކުން ދައްކައެވެ.
ކުއާޓަރުތަކަށް ބަލާއިރު ރިއަލް ޖީޑީޕީ 0.5 އިންސައްތައަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ އުފެއްދުން 8.7 އިންސައްތައަށް ދަށްވެފައިވުމެވެ. ތެޔޮ ފިޔަވައި އެހެނިހެން އުފެއްދުންތައް 4.9 އިންސައްތައަށް އިތުރުވެފައިވާއިރު އަމިއްލަ ވިޔަފާރިތައް ވަނީ 6.3 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ސަރުކާރު ކުންފުނިތައް 1.7 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.
ޕެޓްރޯލާއި ޤުދުރަތީ ގޭސް ސާފުކުރުމުގެ މަސައްކަތަކީ ކުއާޓަރުތަކަށް ބަލާއިރު ކުރިއަރައިގެން ނުގޮސްއޮތް ހަމައެކަނި ސެކްޓަރެވެ. ނަމަވެސް މީގެ އެއްއަހަރު ކުރިއަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި އިޤްޠިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ފެޓްރޯލް ސާފުކުކުރުމުގެ މަސައްކަތުންނެވެ. 21.2 އިންސައްތައިގެ ކުރިއެރުން މި މަސައްކަތުން ހޯދާފައިވާއިރު އުފެއްދުންތެރިކަމުން 8.9 އިންސައްތަ ކުރިއެރުންވަނީ ހޯދާފައެވެ.