ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ބަލިމަޑުކަމާއެކު އެފްރިކާގެ ފަޤީރުކަން އިތުރުވަނީ


ކޯވިޑްގެ ބަލިމަޑުކަމާއެކު އެފްރިކާގެ ސަބްސަހާރަން ސަރަޙައްދުތަކުގެ ފަޤީރުކަން އިތުރުވެފައިވާކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ.

އެ ސަރަޙަދުން ނައިޖީރިއާގެ އިޤްޠިޞާދު ކޮވިޑަށްފަހު މަޑުމަޑުން ރަނގަޅުވަމުން އައި ކަމުގައިވީނަމަވެސް އެހެން ސަރަޙައްދުތަކުގައި އިންފްލޭޝަން މަތިވެ ރައްކާތެރިކަން ނެތުމާއި ބަދަލުތައް ގެނައުން ހުއްޓިފައިވުމުގެ ސަބަބުން އިޤްޠިޞާދު ދަށްވެ ފަޤީރުކަން ވަނީ އިތުރުވެފައެވެ.

އެފްރިކާގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކުގެ ހިސާބުތަކަށް ބަލާއިރު ނައިޖީރިއާގެ ޖީޑީޕީ މިއަހަރު 1.9 އިންސައްތައަށް ކުރިއަރައިގެން ދާނެކަމަށާއި އަދި އަންނަ އަހަރު 2.1 އިންސައްތައަށް ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. ސަބް ސަހާރަން ސަރަޙައްދުތަކުގެ ޖީޑީޕީ މިއަހަރު 3.4 އިންސައްތައަށް އަދި އަންނަ އަހަރު 4.0 އިންސައްތައަށް ކުރިއަރާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ނައިޖީރިއާގެ އިސް އިޤްޠިޞާދީ މާހިރު މާކޯ ހާރނަންޑެޒް ވިދާޅުވިގޮތުގައި ކާބޯތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ފަޤީރުކަން އިތުރަށް ގޯސްވެފައިވާކަމާއި އަދި ކާބޯތަކެތި ނުލިބިދާނެކަމުގެ ބިރުވެސް ހީވެފައިވާކަމަށެވެ. ޖުމްލަ ގޮތެއްގައި އިންފްލޭޝަންއަށް ބަލާއިރު ކާބޯތަކެތީގެ ނިސްބަތަކީ 70 އިންސައްތައެވެ.

ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން 2022 އަންނަންވާއިރު ނައިޖީރިއާގެ 11 މިލިއަން މީހުން ފަޤީރުކަމަށް ހުށަހެޅިގެންދާނެކަމާއި ފަޤީރުންގެ ގޮތުގައި 100 މިލިއަން މީހުން ދަރަޖަކުރެވި، މުޅި ޖުމްލަ 200 މިލިއަނަށް އަރާނެކަމަށްވެސް މާކޯ ވަނީ ވިދާޅުވެފައެވެ.

ނައިޖީރިއާގެ އިންފްލޭޝަން ރޭޓް މިއަހަރު 16.5 އިންސައްތައަށް އަރައިގެން ދާނެކަމާއި އަދި ނައިޖީރިއާ ފިޔަވައި އެހެން ސަބް ސަހާރަން ސަރަޙައްދުތަކުގެ އިންފްލޭޝަން 5.9 އިންސައްތައަށް އިތުރުވާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ސްކޫލްތަކުން ކުދިން ވަގަށްނެގުމާއި، ކިޑްނެޕްކުރުން، ދަނޑުވެރިންނާއި ދަނޑުތަކުގެ ވެރިންގެ މެދުގައި އޮންނަ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ޤައުމުގައި އުވިގެންގޮސްފައިވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ސަބަބުން އިޤްޠިޞާދީ ގޮތުން ކުރިއެރުން ދަށްވެ ވަޒީފާތައް ލިބުންވެސް ދަތިވެފައިވާކަމަށް މާކޯ އިތުރަށް ވިދާޅުވިއެވެ. މީގެ އިތުރުން ކަރަންޓު އަގުހެޔޮކުރުމާއި ޕެޓްރޯލަށް ސަބްސިޑީޒް ދިނުންވެސް މިވަގުތަށް ވަނީ ހުއްޓާލާފައެވެ.

މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުންނަށް ކަރަންޓު ނުލިބި އޮތް ޤައުމަކީ ނައިޖީރިއާކަމަށާއި އަދި ކަރަންޓް ސަބްސިޑީއިންވެސް ބޮޑަށް ފައިދާ ކުރާނީ މުއްސަނދިންނަށް ކަމަށް މާކޯ ވިދާޅުވިއެވެ. މި ސަބްސިޑީން ފަޤީރު ގޭބީސީތަކުގެ 22 އިންސައްތައަށް ފައިދާ ކުރާއިރު މުއްސަނދި ގޭބީސީތަކުގެ 82 އިންސައްތައަށް ފައިދަކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.