އެކި ޤައުމުތަކުގައި ވިޔަފާރިކުރާ މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދުމިންވަރަށް އެއްބަސްނުވިނަމަވެސް ޗައިނާއަށް ޚާއްޞަ ގޮތްތަކެއް ހަމަޖައްސައި ނުދެވޭނެކަމަށް އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ހަތް ޤައުމުން އެއްބަސްވެފައިވާ ގޮތަށް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެމަދު މިންވަރުކަމަށްވާ 15 އިންސައްތައާއެކު ކުރިއަށް ދިއުމަށް އެމެރިކާ އަދި އެހެން ޤައުމުތަކުން އެއްބަސްވިޔަސް، ޗައިނާއިން މިކަމަށް އެއްބަހެއް ނުވެއެވެ. އަދި ޗައިނާއިން މިކަމަށް އެއްބަސްކުރުވުމަށް ޗައިނާއާއެކު ވާހަކަދައްކަމުންދާކަމަށް އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ވިދާޅުވިއެވެ.
ޖެނެޓް ވިދާޅުވީ ޗައިނާ ސަރުކާރުން މިކަމަށް އެއްބަސްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. ނަމަވެސް ހަރުދަނާ ނޫން ގޮތްތަކެއް ޗައިނާއިން ހުށަހަޅައިފިނަމަ އެކަންކަމަށް އެއްބަސް ނުވެވޭނެކަމަށްވެސް ޖެނެޓް ވިދާޅުވިއެވެ.
މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދުމިންވަރަކީ 15 އިންސައްތަކަމުގައި ނިންމަން ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމުގެ ލީޑަރުން ވަނީ މިދިޔަ އާދީއްތަ ދުވަހު އެއްބަސްވެފައެވެ.
ނަމަވެސް ޗައިނާ އަދި އެހެން ބައެއް ޤައުމުތަކުންވެސް ދަނީ ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވުމުގެ ޓެކްސްތަކުން ލުއި ދިނުމާއި ސްޕެޝަލް އިކޮނޮމިކް ޒޯންތަކަށް ދަށް ޓެކްސް ރޭޓް ކަނޑައަޅާފައި އޮންނަ އޮތުން ދޫކޮށްލުމަށް ދެކޮޅު ހަދަމުންކަމަށް ޚަބަރުތައް ބުނެނެވެ.
15 އިންސައްތައިގެ ކޯޕަރޭޓް ޓެކްސް އާއި ޗައިނާއިން ދެކޮޅުކަމަށާއި ނަމަވެސް ޗައިނާވެސް ހިމެނޭގޮތަށް އަންނަ މަހު އިޓަލީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޖީ ޓުވެންޓީގެ ބައްދަލުވުމުގެ އެމެރިކާއިން ހުށަހަޅާފައިވާ ވިޔަފާރިތަކުން ޓެކްސްނެގޭ އެންމެ މަދުމިންވަރާއިމެދު ވާހަކަތައް ދައްކާނެކަމުގައި ޖީ ސެވަން ޤައުމުތަކުގެ މާލީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
މިހާރު ކުޑަ ޓެކްސްއެއް ވިޔަފާރިތަކުން ނަގާ އަޔަލެންޑްގެ މާލީ ވަޒީރާއެކު ވަރަށް ހަރުދަނާ ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި އަދި ޤަބޫލުކުރަނީ ޔޫރަޕް އިއްޠިޙާދުން މި ޓެކްސް ރޭޓަށް އެއްބަސް ވާނެކަންކަމަށްވެސް ޖެނެޓް ވިދާޅުވިއެވެ.
މީގެއިތުރުން ބޮޑު އިޤްޠިޞާދެއް އޮންނަ 20 ޤައުމަކުން އޮކްޓޫބަރުމަހު ބޭއްވުމަށް ތައްޔާރުވާ ޖީ 20 ބައްދަލުވުމުގެ ކުރިން އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްވަރާތަކުގައި ޓެކްސްގެ މައްސަލަތަކަށް ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޖެނެޓް ވިދާޅުވިއެވެ.