ވެލްފެއަރ ޕްރޮގްރާމްގެ ދަށުން ފަޤީރުންނަށް މަހުން މަހަށް ދޭ ފައިސާގެ ޢަދަދު 39 ޑޮލަރުން 60 ޑޮލަރަށް އަންނަ ޑިސެމްބަރުން ފެށިގެން ބޮޑު ކުރާނެކަމަށް ބްރެޒިލްގެ ރައީސް ޖެއިލް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.
ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައި އަންނަ އަހަރު އޮންނަ އިންތިޚާބަށް ތައްޔާރުވަމުންދާ ބޮލްސޮނާރޯ ވިދާޅުވެފައިވާ މި ޢަދަދު ދޭން ފާސްވެއްޖެނަމަ މިއީ ބްރެޒިލްގެ އިޤްޠީޞާދާއިބެހޭ ވުޒާރާއިން ފަޤީރުންނަށް ދޭން މަޝްވަރާ ކުރަމުންދާ ޢަދަދަށްވުރެ ބޮޑު ޢަދަދަކަށް ވެގެންދާނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ދަޢުލަތުގެ މާލިއްޔަތު ހީނަރުވެގެން ހިނގައިދާނެކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
އޮފިޝަލުން ބުނާގޮތުގައި 'ބޮލްސާ ފެމިލިއާ'ގެ ނަމުން ނަން ދީފައިވާ މި ވެލްފެއަރ ޕްރޮގްރާމުން 50 ޑޮލަރު ދިނުން އެންމެ ރަނގަޅުކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއެކު ތާޢީދު ގެއްލިފައިވާ ބޮލްސޮނާރޯ ވިދާޅުވާގޮތުގައި ކާބޯތަކެތީގެ އިންފްލޭޝަން މައްޗަށްގޮސްފައިވާ މި ދަނޑިވަޅުގައި މި ޢަދަދު އިތުރުކުރުމަކީ މުހިންމު ކަމެކެވެ.
މިކަމާއި ބެހޭގޮތުން އިޤްޠިޞާދާއިބެހޭ ވުޒާރާއިން ރަސްމީކޮށް ވާހަކަދައްކާފައި ނުވާއިރު އެ ޓީމުގެ އޮފިޝަލަކާއި ޙަވާލާދީ ޚަބަރުތައް ބުނާގޮތުގައި މި ޕްރޮގްރާމް އަދި މުޅިން ފައިނަލެއް ނުވެއެވެ. އަދި މިކަން ކުރިއަށް ގެންދާނީ ދަޢުލަތުގެ މާލިއްޔަތަށް ގެއްލުން ނުވާގޮތަށްކަމުގައިވެސް އޮފިޝަލުން ބުނެއެވެ.
ވޭތުވެދިޔަ މަސްތަކުގައި ބްރެޒިލްގެ ބަޖެޓް ދަރަނި ކުޑަވެ ލަފާކޮށްފައިވާ ވަރަށްވުރެ ބޮޑަށް އެޤައުމުގެ އިޤްޠިޞާދު ވަނީ ކުރިއަށް ގޮސްފައެވެ.
ސަރުކާރުގެ ޚަރަދުތައް މިދިޔަ އަހަރުގެ އިންފްލޭޝަން ރޭޓަށްވުރެ މަތި ނުކުރެވޭނެކަމަށް އޮތް އުޞޫލާއި އެއްގޮތަށް މި އަހަރުވެސް އަދި އަންނަ އަހަރުވެސް ޢަމަލުކުރުމަށް ސަރުކާރުން ވަނީ އަންގަވާފައެވެ. ނަމަވެސް މިއަހަރު އޮތް 8 އިންސައްތައިގެ އިންފްލޭޝަން ރޭޓާއެކު އަންނަ އަހަރު ޚަރަދުކުރުން އިތުރުކުރުމަށް ހުރަހެއް ނާޅައެވެ.