އެމެރިކާއިން އީޔޫއަށް ބޭރުކުރާ ކާބޯތަކެތީގެ މިންވަރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގާތްގަޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްވެއްޖެއެވެ.
މިއީ ޔޫރަޕް އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލާއި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދަށްވި ދަށްވުމެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އިނގިރޭސވިލާތުގެ ފުޑް އެންޑް ޑްރިންކް ފެޑެރޭޝަން އެފްޑީއައި އިން ޢާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އީޔޫއަށް ބޭރުކުރާ ކާބޯތަކެތީން 47 އިންސައްތަ ވަނީ ދަށަށްގޮސްފައެވެ.
މި އަހަރުގެ މާރިޗްމަހުގެ ނިޔަލަށް ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން އީޔޫއަށް ބޭރުކޮށްފައިވާ ކާބޯތަކެތީގެ އަގު 2.3 ބިލިއަން ޑޮލަރަށް އަރާއިރު މިދިޔަ އަހަރު މި މުއްދަތުގައި މި ޢަދަދުވަނީ 4.3 ބިލިއަންގައެވެ. ވޭތުވެދިޔަ 2 އަހަރަށް ބަލާއިރު 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިނގިރޭސިވިލާތުން ވަނީ 5.1 ބިލިއަން ޑޮލަރުގެ މުދާ ބޭރުކޮށްފައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި މިންވަރަށް 55 އިންސައްތައިގެ ދަށްވުމެއް ވަނީ އައިސްފައެވެ.
ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ ކިރުގެ ބާވަތްތަކަށްވާއިރު ކިރާއި ކްރީމް އިޔޫއަށް ބޭރުކުރި މިންވަރު ވަނީ 90 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައެވެ. ޗީޒް ބޭރުކުރި މިންވަރުވަނީ 3 ބައިކުޅަ 2 ބަޔަށް ދަށްވެފައެވެ. މީގެއިތުރުން ސޮފްޓް ޑްރިންކްސްގެ ވިޔަފާރި 70.5 އިންސައްތައަށް ދަށްވެފައިވާއިރު މަހުގެ ބާވަތްތަކުން 68 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި އަލުވީގެ ވިޔަފާރިން 63 އިންސައްތަ ވަނީ ދަށްވެފައެވެ.
އިނގިރޭސިވިލާތުގެ ފުޑް އެންޑް ޑްރިންކް އެކްސްޕޯރޓާސް އެސޯސިއޭޝަނުގެ ޑިރެކްޓަރ ޖޯން ވައިޓެޑްހެޑް ވިދާޅުވާގޮތުގައި މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ޔޫރަޕްގެ އިއްޠިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ކުރިން އިޔޫއަށް އެޤައުމުން މުދާ އެތެރެކުރާ މީހުންގެ އަތުގައި ކާބޯތަކެތީގެ ސްޓޮކް ހުރުމެވެ. މީގެއިތުރުން ކަސްޓަމްސްއިން މުދާ ކްލިއަރ ކުރުމުގައި ލަސްތަކެއް އައުމާއި އިޔޫއާއެކު ވިޔަފާރިކުރުމުގެ އަގަކީވެސް މި ދަށްވުން މެދުވެރިވާން ދިމާވި ސަބަބަތުތައްކަމުގައި ޖޯން ވިދާޅުވިއެވެ.
އީޔޫގެ ވަކިވަކި ޤައުމުތަކަށް މުދާ ބޭރުކުރާ މިންވަރުވެސް ވަނީ ދަށަށްގޮސްފައެވެ. މިގޮތުން އަޔަރލޭންޑުން ގާތްގަޑަކަށް 71 އިންސައްތަ ދަށްވެފައިވާއިރު އިޓަލީ ޕޯޒުގަލް އަދި ސްޕެއިންއިންގެވެސް މި ރޭޓް ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ވަނީ ދަށްވެފައެވެ.
މި ދަށްވުން ދޭހަކޮށްދެނީ އަހަރުތަކަކަށްފަހު އިނގިރޭސިވިލާތުން ޔޫރަޕްގެ އިއްޠިޙާދުން ބޭރަށް މުދާ ބޭރުކުރާވަރު އިތުރުވެފައިވާކަންކަމަށް އެފްޑީއެފްއިން ބުނެއެވެ. އަދި ޖުމްލަކޮށް ބަލާއިރު ޔޫރަޕްގެ އިއްޠިޙާދުން ބޭރުޤައުމުތަކަށް މުދާ ބޭރުކޮށްފައިވާ މިންވަރު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ވަނީ 55 އިންސައްތަ އިތުރުވެފައިކަމުގެ އެފްޑީއެފްގެ ހިސާބުތަކުން ދައްކައެވެ.