2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލްތައް ބަންދުވެއްޖެއެވެ.
ސްކޫލްތަކުގެ މިއަހަރުގެ ކިޔެވުން ނިންމާލާފައިވާއިރު، ދަރިވަރުންނަށް މިއަދު ވަނީ ރިޕޯޓް ފޯމް ހަވާލުކޮށްފައެވެ. މިއަހަރު ދީފައިވަނީ ކުރީގައި ދޭ ރިޕޯޓްގެ ފޯމްގެ ބަދަލުގައި ޑިޖިޓަލް ރިޕޯޓް ފޯމެކެވެ.
މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށިއިރު ސަރުކާރުގެ ސްކޫލްތަކުގައި ހަތްދިހަ ތިންހާސް ފަސްދޮޅަސް ހަތް ދަރިވަރުން ތިއްބެވެ. މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 32 ދަރިވަރުން އިތުރު އަދަދެކެވެ. އަދި ސަރުކާރާއި އަމިއްލަ ތަންތަން ހިމެނޭހެން ޖުމުލަ އަށްޑިހަ ތިން ހާސް ނުވަސަތޭކަ ފަންސާސް ނުވަ ދަރިވަރުން ތަޢުލީމް ހާސިލްކުރިއެވެ.
މިދިޔަ އަހަރަގު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިންމާލިނަމަވެސް މިދިޔަ އަހަރާއި މިއަހަރު ވެފައިވަނީ ތަޢުލީމީ ދާއިރާގައި ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނު އަހަރަކަށެވެ. ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންވެސް މީގެ ކުރިން ތަޖުރިބާ ކުރަން ނުޖެހޭ ފަދަ ކަންކަން ކުރަން ޖެހުނު އަހަރަކެވެ. އަހަރުގެ ކިޔެވުން ފެށީ ފަހަރުގައިވެސް މިފަދަ ކަމަކާ ކުރިމަތިލާން ޖެހީދާނެކަމަށް ކުޑަކޮށްވެސް ވިސްނާނުލައެވެ. ނަމަވެސް ކަންދިމާކުރީ މުޅިން އިދިކޮޅަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ޖުމުލަ އަށްޑިހަ ތިން ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ ދަރިވަރުންގެ ފޮނި ހުވަފެންތަކާއި މުދައްރިސުންނާ އެކު ގިނަ ވަގުތު ހޭދަކުރެވޭނެކަމުގެ ފޮނި އުއްމީދިތުތަކާއެކުގައެވެ.
އެހެންނަމަވެސް މާލެ ސަރަޙައްދުން ކޯވިޑް ފެނި ސްކޫލްތައް ބަންދުކުރަން ޖެހުން ވެގެންދިޔައީ ދަރިވަރުންނާއި މުދައްރިސުންނަށް ލިބުނު ހިތްދަތިކަމެކެވެ. އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ދެބައި ނުވަނީސް ޖެހުނީ ސްކޫލްއަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށް ކިޔަވާށެވެ. މިކަންވީ މުދައްރިސުންނަށް އަދި ދަރިވަރުންނަށްވެސް އުނދަގޫ އަދި އެހާމެ ބުރަ މަސައްކަތަކަށެވެ. ޚާއްސަކޮށް އިންޓަނެޓް ނުލިބޭ ދަރިވަރުންނާއި ޓީވީ ނެތް ދަރިވަރުންނަށް ބޮޑު ތަކުލީފަކަށްވިއެވެ. އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންޓަރނެޓް ޕެކޭޖްވެސް ފޯރުކޮށްދިނެވެ.
ދަރިވަރުންގެ ކިޔެވުމަށް އަނެއްކާވެސް ބަދަލެއް އައީ މިދިޔަ އަހަރު މާލެ ފުރަބަންދަކަށް ދިއުމާ ހިސާބުންނެވެ. ގާތްގަޑަކަށް މަހެއްހާދުވަސް ވަންދެއް މާލެ ފުރަބަންދެއްގައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް ކޯވިޑްގެ ކޭސްތައް ޖެހިގެން އައި އޯގަސްޓްމަހުގެ ތެރޭގައި އިތުރުވުމާ ގުޅިގެން އަނެއްކާވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދެން ފެށިއެވެ. މާލޭގެ ސްކޫލްތައް ބަންދުކުރިނަމަވެސް ކޯވިޑްގެ ކޭސްތައް ނެތް ރަށްރަށުގައި ކުރިއެކޭވެސް އެއްގޮތަށް ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދިޔައެވެ.
ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިންމާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު އަނެއްކާވެސް ދަރިވަރުންނަށް ސްކޫލްއަށް ގޮސް ކިޔެވުމުގެ ފުރުޞަތު ލިބުނީ ދެވަނަ ސެމިސްޓަރގެ ކިޔެވުމާއެކު މިއަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުގައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެއެވެ. އަނެއްކާވެސް ކޭސްތައް އިތުރުވެ ސްކޫލްތައް ބަންދުކޮށް މިއަދާ ހަމައަށް ކިޔަވައިދެމުން ދިޔައީ އޮންލައިންކޮށެވެ. އަދި ދަރިވަރުން ސްކޫލަށް ގޮސްގެން އިމްތިހާން ހެދުމުގެ ބަދަލުގައި އޮންލައިންކޮށް ހަދަން ޖެހުނީ ޓީޗަރ ބޭސްޑް އެސެސްމަންޓްތަކެކެވެ. ހަމަ މިއާއެކު އޯލްވެލް އަދި އޭލެވެލް ކުރިއަށް ގެންގޮސްފައިވަނީވެސް ކަނޑައަޅާފައި އޮތް ތާރީޚެއްގައެއް ނޫނެވެ. އަދި ޕޭޕަރުތައް ލީކުވުމާ ގުޅިގެން މިއަހަރުގެ އޭލެވެލް ވެސް ކެންސަލް ކުރަން ޖެހުނެވެ. މިދިޔަ އހަރުގެ ކިޔެވުން ނިންމާލާ ދަރިވަރުން މިއަދު ޗުއްޓީއަށްދާއިރު ސްކޫލްތަކުން މިހާރު މިވަނީ މިއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޯރުކޮށްދޭން ފަށާފައެވެ.
ގިނަ ދުވަސްތަކެއް ވަންދެއް ސްކޫލްތައް ބަންދުކުރުމާއި އޮންލައިންކޮށް ކިޔަވައިދޭން ޖެހުމުގެ ސަބަބުން އެކަޑަމިކް ކަލަންޑަރަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޯގަސްޓްމަހުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ވީހާވެސް ބޮޑަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ބޭނުނުމުގައެވެ. މި ބަދަލާއެކު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.