ދުނިޔޭގެ ވިޔަފާރި

ޖަރުމަނުވިލާތުގެ އިޤްޠިޞާދު އާރާސްތުކުރުމަށް އީޔޫއިން އެހީވަނީ


ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ހީނަރުވެފައިވާ އިޤްޠީޞާދު އާރަސްތުކުރުމާއި ޑިޖިޓަލް އިޤްޠިޞާދެއް ދެމެހެއްޓުމަށްޓަކައި ކާބަން ބޭނުންކުރާ މިންވަރު މަދުކުރުމަށް ޖަރުމަނުވިލާތުން ޔޫރަޕް އިއްޠިޙާދަށް ހުށަހަޅާފައިވާ 25.6 ބިލިއަން ޔޫރޯ ދިނުމަށް އީޔޫ ކޮމިޝަނުން ނިންމައިފިއެވެ.

މި ސްކީމްގެ ދަށުން އީޔޫއިން ޖަރުމަނުވިލާތަށް އެހީވެދޭނީ 2026 ވަނަ އަހަރާއި ހަމައަށް ކަމަށާއި ޖުލައި މަހު ކޮމިޝަނުގެ މާލީވަޒީރުން މި ސްކީމް ފައިނަލް ކުރުމުން ޖަރުމަނުވިލާތުގެ ޕްލޭންތައް ފެށުމަށް ޕްރީ ފައިނޭންސިންގެ ގޮތުގައި 2.3 ބިލިއަން ޔޫރޯ އެޤައުމަށް ލިބިގެންދާނެކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

އީޔޫ ކޮމިޝަންގެ އިސްވެރިޔާ އުރުސުލާގެ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި މި ރީފޯމް އިންސްވެސްޓްމަންޓް ހޭދަކުރާނީ ޖަރުމަނުވިލާތުގެ އިޤުޠިޞާދު ޑިޖިޓަލްކޮށް ކާބަން ބޭނުންކުރާ މިންވަރު މަދު އިޤްޠިޞާދަކަށް ހެދުމަށެވެ.

ޖަރުމާނުވިލާތުގެ ޕްލޭންގައި ކާބަންޑައި އޮކްސައިޑް މަދުކުރުމަށް މި ސްކީމްގެ 42 އިންސައްތަ ހޭދަކުރުމަށް ނިންމާފައިވާއިރު މިއީ ކޮމިޝަނުން ކަނޑައަޅާފައިވާ 37 އިންސައްތައަށްވުރެ މަތީ ނިސްބަތެއްކަމަށް ކޮމިޝަނުން ބުނެއެވެ.

މީގެ މަޤްޞަދަކީ ޖަރުމަނުވިލާތުގެ ކާރުޚާނާތަކުގައި ކާބަން ބޭނުންކުރާ މިންވަރު މަދުކޮށް ރިނިއުބަލް ހައިޑްރިޖަންއަށް އަމާޒުކޮށް ދަތުރުފަތުރުތައް ކުރުމުގައި ތިމާވެއްޓާއި މުޖުތަމަޢުއަށް އަދި އިޤްޠިޞާދަށް އަސަރު ނުކުރާގޮތަކަށް ރޭވުމާއި މީހުން ދިރިއުޅޭ ޢިމާރާތްތައް އަލުން ޢިމާރާތް ކުރުމެވެ.

މީގެއިތުރުން ޖަރުމަނުވިލާތުން ރާވާފައިވަނީ ޢާންމު ޚިދުމަތްތައް ދޭ ތަންތަން ކަމަށްވާ ސިއްޚީ ދާއިރާ އަދި ވިޔަފާރިތައް ޑިޖިޓަލް ކުރުމަށް ސްކީމްގެ 52 އިންސައްތަ ހޭދަކުރުމަށެވެ. މިއީ އީޔޫއިން މިކަމަށް ކަނޑައަޅާފައިވާ 20 އިންސައްތައަށްވުރެ ބޮޑު ޢަދަދެއްކަމަށް އީޔޫއިން ބުނެއެވެ.