ދުނިޔޭގެ ވިޔަފާރި

ދެ އަހަރަށްފަހު ފުރަތަމަ ފަހަރަށް ތެލުގެ އަގު އުފުލިއްޖެ


2019 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ތެލުގެ އަގު އުފުލިއްޖެއެވެ.

ތެލަށް އޮތް ޑިމާންޑް އުފުލި އިރާނުގެ ތެޔޮ އަވަހަށް ލިބެން ފެށުމާއެކު ތެލުގެ އަގު ބޮޑު ނުވާނެކަމުގެ ޔަޤީންކަމާއެކު އިންވެސްޓަރުން ތިއްބައި، ތެލުގެ އަގު މިވަނީ ފީފާއެއް 75 ޑޮލަރަށް އުފުލިފައެވެ.

އޯގަސްޓު މަހަށް ލަފާކުރާ ބްރެންޓް ތެލުގެ އަގު ވަނީ ފީފާއެއް 75.19 ޑޮލަރަށް އަރައި އަދި އެންމެ މަތިވެގެން ފީފާއެއް 75.27 ޑޮލަރަށް އުފުލިފައެވެ. މިއީ 2019 ވަނަ އަހަރުގެ އޭޕްރީލް 25 އަށް ފަހު ތެލުގެ އަގު އެންމެ ބޮޑުވި ފަހަރެވެ.

އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔުޓީއައި) ތެލުގެ ޖުލައި މަހަށް ލަފާކުރާ ތެލުގެ އަގަކީ ފީފާއެއް 73.66 ޑޮލަރު ކަމަށްވާއިރު އޯގަސްޓު މަހު މި ޢަދަދު 73.25 ޑޮލަރަށް ދަށްވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ކޯވިޑް 19 ގެ ވެކްސިން ދޭންފެށުމާއެކު ދަތުރުފަތުރުކުރާ މީހުން އިތުރުވުމުގެ ސަބަބުން ބެރެންޓް އަދި ޑަބްލިޔުޓީއައި ދެ ބްނެޗްމާރކުގެ އަގުތައްވެސް ވޭތުވެދިޔަ މަހެއްހާދުވަހު ދިޔައީ މަތިވަމުންނެވެ.

އެމެރިކާ، ޔޫރަޕް އަދި ޗައިނާގައި ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރެވި ތެޔޮ ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން ތެލުގެ ބެންޗުމާރކް އަގުތައްވަނީ 40 އިންސައްތައަށްވުރެ ބޮޑުތަން ރަނގަޅުވެފައެވެ. ނަމަވެސް އޭޝިއާ ސަރަޙައްދުގައި މިހާރު އަނެއްކާވެސް ބަލިމަޑުކަން ފެތުރިގެން ދާން ފެށުމާއެކު މި ބެންޗުމާރކް އަގުތައް އަނެއްކާވެސް ބަދަލުވުން އެކަށީގެންވާ ކަމުގައި ބޭންކް އޮފް އެމެރިކާ ކޯޕަރޭޝަނުން ބުނެއެވެ.

ހަތަރު ހަފްތާ ވަންދެން ތެލުގެ ސްޓޮކް ދަށްވެފައިވުމާއެކު އިންވެސްޓަރުން ދަނީ ކޮންމެ ހަފްތާއަކު އެއްފަހަރު އެމެރިކާގެ އިންވެންޓްރީ ހިސާބުތައް ބަލަމުން ކަމުގައި ފުޖިޓޯމީ ކޮމޯޑިޓީ ބްރީކަރގެ މާހިރު ތޮޝިތަކާ ތަޒަވާ ވަނީ ވިދާޅުވެފައެވެ. އަދި ޔޫރަޕް އަދި އެމެރިކާގައި ދަތުރުފަތުރުތަކުގެ ޑިމާންޑް ވަރަށް އަވަހަށް އުފުލޭނެކަމަށާއި މިއާއެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުން މުހިންމު ކަމުގައިވެސް ތަޒަވާ އިތުރަށް ވިދާޅުވިއެވެ.