ޗައިނާގެ ޒިންޖިއާންގް ޕްރޮވިންސްގައި މަސައްކަތްތެރިންލައްވައި މަޖުބޫރުން މަސައްކަތް ކުރުވާ ކަމަށްބުނެ ސޯލާ ނުވަތަ އަވިން ހަކަަތަ އުފައްދުމަށް ބޭނުންކުރާ ޢާލާތްތައް ބޭރުކުރާ ޗައިނާގެ ހޮޝިން ސިލިކޮން އިންޑަސްޓްރީން އެމެރިކާއަށް އެފަދަ ޢާލާތްތައް އެތެރެކުރުން އެޤައުމުން މަނާކޮށްފިއެވެ.
ޗައިނާގެ ވީގޫރު މަސައްކަތްތެރިންނާއި ޝިންޖިއާންގްގައި އުޅޭ ބައެއް މުސްލިމް މައިނޯރިޓީ ގްރޫޕްތައް ލައްވައި މަޖުބޫރުން މަސައްކަތްކުރުވާކަމަށް ބުނެ ހޮޝިންގް އަދި ޗައިނާގެ އެހެން ތިން ކުންފުންޏަކާއި ޝިންޖިއާންގް ޕްރޮޑަކްޝަން އެންޑް ކޮންސްޓަރްކަޝަން ކޮމްޕެނީ (އެކްސްޕީސީސީ)ގެ އުފެއްދުންތައްވެސް އެމެރިކާއަށް އެތެރެކުރުން އެމެރިކާގެ ކޮމާރސް ޑިޕާރޓްމަންޓުން ވަނީ މަނާކޮށްފައެވެ.
މަސައްކަތްތެރިން ލައްވައި މަޖުބޫރުން މަސައްކަތް ކުރުވާ މައްސަލއިގައި ވޮޝިންގޓަންގައި ހުންނަ ޗައިނާގެ އެމްބަސީން ވިދާޅުވީ މިއީ އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށާ، މިކަމުގެ ފަހަތުގައި ސިއްރު އެހެން އެޖެންޑާއެއް ވާކަމަށް ބެލެވޭކަމުގައެވެ.
އެމެރިކާގެ ބްލެކް ލިސްޓަށް އިތުރުކުރި ތިން ކުންފުންޏަކީ ޑަކޫ ނިއު އެނާރޖީގެ ޔުނިޓެއްކަމަށްވާ ޝިންޖިއާންގް ޑަކޫ ނިއު އެނާރޖީ، ޝަންހާއީގެ އީސްޓް ހޯޕް ގްރޫޕްގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ ޝިންޖިއާންގް އީސްޓް ހޯޕް ނޮންފެރަސް މެޓަލްސް އަދި ޖީސީއެލް ނިއު އެނާރޖީ ހޯލްޑިންގްސްގެ ބައެއްކަމަށްވާ ޝިންޖިއާންގް ޖީސީއެލް ނިއު އެނާރޖީ މެޓީރިއަލްސްއެވެ.
މިކަމާއި ބެހޭގޮތުން އެއްވެސް ކުންފުންޏަކުންވެސް އަދި ބަލަދުވެރި ކުންފުންޏަކުންވެސް އެކްސްޕީސީސީ އިންވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްނުވެއެވެ.
ނަމަވެސް ޗައިނާގެ މި ކުންފުނިތަކާއި އެމެރިކާގެ ކުންފުނިތަކާ ދެމެދު ވެފައިވާ މާބޮޑު އެއްބަސްވުމެއް ނެތުމުން މި މަނާކުރުމުގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ކައިރި މުސްޠަޤުބަލެއްގައި މާބޮޑު އަސަރެއް ނުކުރާނެކަމަށާ، ނަމަވެސް މި މަނާކުރުން ފުޅާވެގެންގޮސް ޒިންޖިއާންގއިން އުފައްދާ ޕޮލީސިލިކޯން ބޭނުންކުރާ އެއްވެސް ސޯލާ ޢާލާތްތައް އެތެރެކުރުން މަނާކުރާނެ ކަމަށް ރިނިއުބަލްސް އެންޑް އެންވަޔަރުމެންޓް ރިސާރޗްގެ އިސްވެރިޔާ ވިދާޅުވިއެވެ.
ސޯލާ އާލާތްތަކުގައި ބޭނުންކުރާ %45 ޕޮލިސިލިކޯން އުފައްދަނީ ޒިންޖިއާންގ ކަމަށްވައިރު %35 އުފައްދަނީ ޗައިނާގެ އެހެނިހެން ސަރަޙައްދުތަކުގައެވެ. އަދި ބާކީ ބައި އެތެރެކުރަނީ ޗައިނާއިން ބޭރުންނެވެ.
މި މަނާކުރުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށްވެސް މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށާއި އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ މޫސުމާ ބެހޭ އަމާޒުތަކަށާއި އެތެރޭގެ ސޯލާ ސިނާޢަތަށް ދެއްވާ ހިތްވަރަށްވެސް ފުށުއެރުމެއް މިކަމުގެ ސަބަބުން ނާންނާނެކަމަށް ޚަބަރުތައް ބުނެއެވެ.