ޚަބަރު

މިއަދު 900 މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑުން ރައްކާތެރިވުމަށްޓަކާ ޖަހާ ވެކްސިން މިއަދު 900 މީހަކު ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 186،000 އަށްވުރެ މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން އާޢްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު 186،571 އަށް ވަނީ އަރާފައެވެ. މީގެތެރޭއިން 900 މީހަކު ވެކްސިން ފުރިހަމަކުރީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 362 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 538 މީހުންނެވެ.

ވެކްސިންގެ ފުރަތަމ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 153 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 101 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 52 މީހުންނެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.