ޖީ ޓުވެންޓީ ލީޑާރސް ސަމިޓްގެ ބައެއްގެ ގޮތުގައި ބާއްވާ ޖީ ޓުވެންޓީ މާލީ ވަޒީރުންގެ މިއަހަރުގެ ބައްދަލުވުން އަންނަ ޖުލައިމަހު އިޓަލީގެ ވެނިސްގައި ބާއްވަން ނިންމައިފިއެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމެރިކާގެ ޓްރެޝަރީން މިދިޔަ ބުރާސްފަތިދުވަހު ވަނީ ބުނެފައެވެ.
އަންނަ މަހު 9 އިން 10 އަށް އިޓަލީގައި ބާއްވާ މާލީ ވަޒީރުންނާއި ސެންޓަރަލް ގަވަރުނަރުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި އެމެރިކާއިން ގެންގުޅޭ ޓެކްސްއާއިބެހޭ އުޞޫލުތަކާއި މޫސުމީ ބަދަލުތަކާއި މީގެ އިތުރުން ކޯވިޑުގެ ބަލިމަޑުކަމަށްފަހު އިޤްޠިޞާދު އާރާސްތުކުރާނެ ގޮތްތަކާއި ބެހޭގޮތުން ޖެނެޓް ވާހަކަދައްކަވާނެކަމަށްވެސް އެމެރިކާގެ މާލީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ޖީ ޓުވެންޓީގެ ވަޒީރުންނާއި ބައްދަލުކުރެއްވުމަށްފަހު ޖުލައި 11 ގައި އޮންނަ ވެނިސް އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ކްލައިމެޓް ބައްދަލުވުމުގައިވެސް ޖެނެޓް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމަށްފަހު ބްރަސަލްސްއަށް ވަޑައިގެން ޔޫރޯ ގްރޫޕް އަދި ޔޫރަޕް އިއްޠިޙާދުގެ ވަޒީރުންނާއި ބައްދަލުކުރައްވައި އިޤްޠިޞާދު އަލުން އާރާސްތު ކުރުމަށް ވެދެއްވޭނެ އެހީތަކާއި ބެހޭގޮތުން ވާހަކަދެއްކުމަށްވެސް ހަމަޖެހިފައިވާކަމަށް ހަބަރުތައް ބުނެއެވެ.
މިބައްދަލުވުމުގައި ބައިނަލްއަޤުވާމީ ޓެކްސްއާއި ބެހޭ ނިޒާމަށް ގެންނަ ބަދަލުތަކާއި ގުޅިގެން އެމެރިކާއިން ހުށަހަޅާ ޕްރޮޕޯސަލްގެ މައިގަނޑު އުޞޫލުތަކަށް ޖީ ޓުވެންޓީ މާލީ ވަޒީރުންގެ ތާޢީދު ހޯދަންވެސް މަސައްކަތްކުރައްވާނެކަށް ޖެނެޓް ވަނީ ވިދާޅުވެފައެވެ.
ވަކި ރޭޓެއް ހާމަނުކޮށް އޮތް ނަމަވެސް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދުމިންވަރަށް މާލީ ވަޒީރުން ތާޢީދު ކުރައްވާނެކަމަށް ހާމަވާ ދެލިކޮޕީއެއް މި ބައްދަލުވުމުގެ ކުރިން މިހާރުވެސް ލީޑަރުންނަށް ހުށަހަޅާފައިވާކަމަށް ރޮއިޓަރސް އިން ރިޕޯޓް ކުރެއެވެ.