ދުނިޔޭގެ ވިޔަފާރި

އޯޕެކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަނީ


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އޮރގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް (އޯޕެކް) އިން މަޝްވަރާތައް ފަށައިފިއެވެ.

ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެ ވަކި މިންގަނޑެއް އަދިވެސް ނުނިންމާއިރު ކޯވިޑުގެ ބަލިމަޑުކަމަށްފަހު ތެލުގެ ޑިމާންޑު އުފުލުމާއި ގުޅިގެން އޯޕެކުން މިހާރުވެސް ދަނީ މެއި މަހުން ފެށިގެން ދުވާލަކަށް 2.1 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރެމުންނެވެ.

ތެޔޮ އުފައްދާ މިންވަރާއި ގުޅޭ މަޝްވަރާތަކަށް ޤައުމުތަކުން ދެން އެންމެ އަވަހަށް ބާއްވާ ބައްދަލުވުން ޖުލައި 1 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު މިހާރު އޯޕެކުން ބާޒާރަށް ނެރޭ 2.1 މިލިއަން ފީފާ ތެލުގެ އިތުރުން އަންނަ އޯގަސްޓުމަހުން ފެށިގެން ދުވާލަކަށް 500000 ފީފާ ތެޔޮ އޯޕެކުން ބާޒާރަށް ނެރޭނެކަމަށްވެސް މާހިރުން ލަފާކުރެއެވެ.

ކޯވިޑްގެ ވެކްސިންދޭން ފެށުމާއި ގުޅިގެން ހޫނު މޫސުމުގެ ދަތުރުތަކަށް މީހުން ތައްޔާރުވާން ފެށުމާއެކު ތެލަށް އޮތް ޑިމާންޑު އުފުލި ވޭތުވެދިޔަ 4 ހަފްތާވެސް ތެލުގެ އަގު ދިޔައީ އުފުލެމުންނެވެ. އުފުލެމުންދާ ޑިމާންޑަށް ބަލާއިރު އޯޕެކުން ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ ކޯވިޑުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވި އިޤްޠިޞާދު ހުޅުވާލުމާއެކު ޔޫރަޕާއި ޗައިނާ އަދި އެމެރިކާގައި ތެލަށް އޮތް ޑިމާންޑު އިތުރުވަމުންދާ ދިއުމަށްކަމަށް މާހިރު ބުނެއެވެ.

ނަމަވެސް 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ހަ ބާރު ކަމުގައިވާ އެމެރިކާ، ޗައިނާ، ރަޝިއާ، ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތާއި ދެމެދު ޤާއިމުކޮށްފައިއޮތް ތާރީޚީ ނިއުކުލިއަރ އެއްބަސްވުމުގެ ސަބަބުން އިރާނުން ތެޔޮ އުފައްދާ ބާޒާރަށް ނެރޭނެ މިންވަރާއިމެދު މިހާރު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.

މި އެއްބަސްވުން އައުކުރުމާއިމެދު މިހާރުވެސް މަޝްވަރާތައް ކުރިއަށް ގެންދާއިރު، މިހާތަނަށް އައިއިރު ވަކި ގޮތަކަށް އެއްބަސްވެވިފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާއިން ބުނާގޮތުގައި މި އެއްބަސްވުމާއި ގުޅިގެން ބައެއް ކަންބޮޑުވުންތައް އެބަހުއްޓެވެ. އެގޮތުން އީރާނުން ކައިރި މުޞްޠަޤުބަލެއްގައި ބަޒާރަށް ތެޔޮ ނެރޭމިންވަރު އިތުރު ކުރާނެކަމަށް ނުބެލެވޭ ކަމަށް އެމެރިކާއިން ދެކެއެވެ.

ޚިޔާލުތަފާތުވުން ހުރި ބައެއް މާހިރުން ދެކޭގޮތުގައި އެއްބަސްވުމެއްގެ ސަބަބުން ކުރުމުއްދަތަކަށް ނަމަވެސް ތެލުގެ އަގު ދަށްވާނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ބެރެންޓް ބެންޗްމާރކްގެ އަގު ފީފާއެއް 70 ޑޮލަރަށް ވެއްޓޭނެކަމަށާއި ބައިނަލްއަޤުވާނީ ބެންޗްމާރކްތަކުގެ އަގު 65 ޑޮލަރާއި 70 ޑޮލަރާއި ދެމެދަށް ވެއްޓޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

މީގެއިތުރުން އީރާނުން މިހާރުވެސް ދުވާލަކަށް 130000 ފީފާ ބާޒާރަށް ނެރެމުން އަންނަކަމުގައި ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި މީގެ ސަބަބުން ތެލުގެ އަގު ދަށްވާނެކަމުގައިވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޯޕެކްގެ ފައުންޑަރ މެމްބަރެއްކަމަށްވާ އީރާނުން ތެޔޮ އުފައްދާ ނިސްބަތް 2019 ވަނަ އަހަރު ހުރީ 3.7 އިންސައްތައިގައެވެ. 10 އިންސައްތައިގެ ތެލުގެ ރިސާރވް އީރާނަށް އޮންނައިރު ނިއުކުލިއަރ ހަތިޔާރު އުފެއްދުމާދެކޮޅަށް އަޅާފައިވާ އިޤްޠިޞާދީ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ފުރިހަމަގޮތުގައި އީރާނަށް ތެޔޮ އުފެއްދުމަށް ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.