ޚަބަރު

ދިއްގަރު ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ދަނީ ކުރިއަށް - ރައީސް


ދިއްގަރު ދާއިރާގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށާ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ކުރައްވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ދިއްގަރުގެ ކައުންސިލަރުންނާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާމް ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް މުހިންމު އެހެން ކަންކަމާގުޅޭ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން އެރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަމާއި ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވުއެވެ.

އަދި ސްކޫލް ހޯލް އިމާރާތާ އުމްރާނީގޮތުން ސްކޫލަށް ބޭނުންވާ ކަންކަންމުގެ އިތުރުން މަތީ ތަޢުލީމު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކާއި ލުއިފަޞޭހަތައް ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ. ކައުންސިލުން ވަނީ ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި ކަނދުފަތިތައް ކައިރި ސަރަޙައްދެއްގައި ނެތުމާއި އަދި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓްދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުޞަތުތައް އެ ސަރަޙައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިއްގަރު ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާއި އެ ދާއިރާގައި ސަރުކާރުން ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ޤާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރިވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުންފަދަ ކަންކަމާގުޅޭގޮތުންވެސް އެންމެފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.