އިނގިރޭސިވިލާތާއި ސިންގަރޕޫރުން ޑިޖިޓަލް އިޤްޠިޞާދީ އެއްބަސްވުމަކަށް ދިއުމަށް ރަސްމީކޮށް މަޝްވަރާތައް ފަށައިފިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ދަ 'ޔޫކޭ ސިންގަރޕޫރު ޑިޖިޓަލް އިކޮނޮމީ އެގްރީމެންޓް (ޔޫކޭއެސްޑީއީއޭ)ގެ ނަމުން ނަންދީފައިވާ މި އެއްބަސްވުމަކީ އޭޝިއާގެ ޤައުމަކާއި ޔޫރަޕްގެ ޤައުމަކާއި ދެމެދު ޤާއިމުކުރެވޭނެ މިކަހަލަ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ޑިޖިޓަލްކޮށް ވިޔަފާރިކުރެވޭނެކަމަށާއި މީގެސަބަބުން ސިންގަރޕޫރަށް ވަރަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ސިންގަޕޫރުގެ ވިޔަފާރިއާއި ސިނާޢާތްތަކާއިބެހޭ ވުޒާރާއިން ބުނެއެވެ. އަދި މީގެސަބަބުން ސިއްރުކުރަންޖެހޭ ޑޭޓާތަކާއި މަޢުލޫމާތު ރަނގަޅަށް ހިފެހެއްޓޭނެކަމަށްވެސް އެވުޒާރާއިން ދެކެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ސިންގަޕޫރުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިދާހުރި އިތުބާރުކުރެވޭ ވަރުގަދަ އަދި ގުޅިފައިވާ ޑިޖިޓަލް ބާޒާރެއް އުފެދިގެންދާނެކަމަށްވެސް އެޤައުމުގެ ވިޔަފާރީގެ ގުޅުންތަކާއި އިސްވެ ޙަވާލުވެ ހުންނެވި އިސްވަރަން ވިދާޅުވެއެވެ.
ޑިޖިޓަލް އިޤްޠިޞާދުގައި ސިންގަރޕޫރާއި އިނގިރޭސިވިލާތަކީ ދުނިޔޭގެ ލީޑަރުންކަމަށްވާއިރު، 2019 ވަނަ އަހަރު 70 އިންސައްތައިގެ މާލީ ޚިދުމަތްތަކާއި މުދާ ބޭރުކުރުމުގެ ޚިދުމަތާއި މިޔުޒިކް އަދި އީ ބުކްގެ ޚިދުމަތް ޑިޖިޓަލްކޮށް އިނގިރޭސިވިލާތުން ސިންގަރޕޫރަށް ވާނީ ފޯރުކޮށްދީފައެވެ. އަދި މިއީ 6 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުގެ ޚިދުމަތްތަކެއްކަމަށްވެސް ކަމާއިބެހޭ އޮފިޝަލުން ވިދާޅުވެއެވެ.
އޮސްޓްރޭލިއާ، ޗިލީ އަދި ނިއުޒީލޭންޑާއެކުވެސް ސިންގަރޕޫރުން މީގެ ކުރިން ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.