ރިޕޯޓް

ކާފިއު ވަގުތު ކުޑަކޮށް، ޖުލައި އެކަކުން ފެށިގެން ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް


މާލޭ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ކާފިއު ވަގުތު ކުޑަކޮށް، ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުކުރަން ފަށާނީ އަންނަމަހުގެ އެކެއްވާ ބުރާސްފަތި ދުވަހުން ފެށިގެންކަމަށެވެ.

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ކޯވިޑާއި ގުޅިގެން މިދިޔަ މެއިމަހުގެ ތެރޭގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށްވެ، ބަލި ކޮންޓްރޯލްކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު ގަޑި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުއްދައަކާއި ނުލައި އާއްމުންނަށް ބޭރުގައި އުޅެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކާފިއު ގަޑިތައް ނޫން ވަގުތުތަކުގައި، އާއްމުކޮށް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކެފޭ ރެސްޓޯރެންޓްތަކުން ޑައިނިންގ ޚިދުމަތް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަވެސް ދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކާފިއު ނޫން ގަޑިތަކުގައި ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމަށް މިވަނީ ހުއްދަދެވިފައި. އަދި މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުމަށްވެސް މިވަނީ ހުޅުވާލާފައި. ކާފިއު ނޫން ގަޑިތަކުގައި ފާހަކާއި ނުލާ ކޮންމެ ރައްޔިތަކަށްވެސް ބޭރަށް ނުކުމެއުޅުމުގެ ފުރުޞަތު އޮންނާނެ. އަދި ހަމައެގޮތަށް ކާފިއު ނޫން ގަޑިތަކުގައި ކެފޭ ރެސްޓޯރެންޓްތަކުގައި ޑައިންއިންގެ ޚިދުމަތް ދިނުމަށް ހުޅުވާލެވިގެންދާނެ ފަތިހު 4 އިން ރޭގަނޑު 8 އަކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ދަތުރުފަތުރުކުރުމުގައި މިވަގުތު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްވެސް ލުއިދޭން ނިންމަވާފައިވާކަން ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކޯވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީންވުމަކާނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސައުތު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން މިވަގުތު މަނާކޮށްފައި އޮތް ނަމަވެސް ކަރަންޓީންވާންޖެހޭގޮތަށް އެ ޤައުމުތަކަށް ނިސްބަތްވާ ވޯކް ޕަރމިޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސައުތު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް އަންނަމަހުގެ 15 އިން ފެށިގެން ހުޅުވާލުމަށް ނިންމަވާފައިވާކަމަށާއި، އެހެންނަމަވެސް އެކަން ކުރާނީ ސައުތު އޭޝިއާގެ ޤައުމުތަކުގެ ޙާލަތު އަދި އެއް ހަފްތާވަންދެން ބެލުމަށްފަހުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޯވިޑުން އަރައިގަތުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމާއެކު ސަރުކާރުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއްދެނީ ވިޔަފާރިތައް ހުޅުވާލާ އިޤްތިޞާދު ހިނގައިގަތުމަށް ކުރެވެންހުރި ކަންކަން ކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޯވިޑް ފެތުރިގެން ހިނގައިދާނެކަމަށްޓަކާ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅުއްވަމުން ގެންދަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.