މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ މިންވަރު ފަނަރަ އިންސައްތައަށްވުރެ އިތުރުކުރަންޖެހޭ ކަމަށް އާޖެންޓީނާއިން ބުނެފިއެވެ.
އާޖެންޓީނާގެ އިޤްތިޞާދާބެހޭ ވަޒީރު މާޓިން ގުޒްމާން ވިދާޅުވީ ޖީ ސެވަން ޤައުމުތަކުން އެއްބަސްވެފައިވާ ވިޔަފާރިތަކުން ޓެކްސްނެގޭ އެންމެ މަދު މިންވަރުކަމަށްވާ 15 އިންސައްތައަކީ، މަދު ޢަދަދެއްކަމަށާއި އެންމެ މަދުވެގެން 21 އިންސައްތަ ނަގަންޖެހޭނެކަމަށެވެ. މީގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްޠިޞާދަށް ފައިދާ ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
15 އިންސައްތައަކީ ދަށް ޢަދަދެއްކަމަށާއި ނަމަވެސް 21 ނުވަތަ 25 އިންސައްތައަށްވުރެ ދަށްނުވާގޮތަކަށް މި ރޭޓް ހިފެހެއްޓުން އެންމެ ރަގަޅުވާނެކަމުގައި ގުޒްމާނު ވިދާޅުވިއެވެ.
ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދު މިންވަރަކީ 15 އިންސައްތަކަމުގައި ހެދުމަށް މި މަހުގެ ކުރީކޮޅު ބާއްވާފައިވާ ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ. ޖުލައި މަހު އޮންނަ ޖީ ޓުވެންޓީ ލީޑަރުންގެ ބައްދަލުވުމަށް މި ހުށަހެޅުން ފޮނުވުމުގެ ކުރިން މި މިންވަރަށް ރުހުން ހޯދުމަށް ގާތްގަނޑަކަށް 140 ޤައުމަކަށް މި ހުށަހެޅުން ވަނީ ފޮނުވާފައެވެ.
ނަމަވެސް ހުށަހަޅާފައިވާ މިންވަރަށް ޓެކްސް ނެގުމުން އެފްރިކާގެ ޤައުމުތަކަށް މާބޮޑު ފައިދާއެއް ނުކުރާނެކަމަށް ނައިޖީރިއާގެ ޓެކްސް ޕޮލިސީ އޮފިސަރ ވަނީ ވިދާޅުވެފައެވެ.