ފަޤީރު ޤައުމުތަކަށްދޭ އެހީގެ ދަށުން ތިން އަހަރުގެ މުއްދަތަކަށް 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ސޫދާނަށް ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އިން ނިންމައިފިއެވެ. މިއެހީގެ ތެރެއިން 56 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ޢަދަދެއްގެ ދަރަނި ސޫދާނަށް އަދާކުރެވޭނެ ކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ.
އައިއެމްއެފްއިން މިކަން އިޢުލާން ކޮށްފައި މިވަނީ ވޯރލްޑް ބޭންކާއި އެފްރިކަން ޑިވެލޮޕްމަންޓް ބޭންކަށް ސޫދާނުން ދައްކަންޖެހޭ ދިގު މުއްދަތެއްވެފައިވާ ދަރަނި އަދާ ކުރުމުންނެވެ. މި ދަރަނި އަދާކުރުމުގެ ސަބަބުން ބައިނަލްއަޤުވާމީ ގޮތުން ލޯނުއެހީ ފޯރުކޮށްދޭ ތަންތަނުން ސޫދާނަށް ދަރަނި މަޢާފް ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އައިއެމްއެފް ސޫދާން މިޝަންގެ ޗީފް ވިދާޅުވިއެވެ.
ސޫދާނުން އަދާކުރަންޖެހޭ 56 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމުން އެހީ ދީފައިވާ މުއްދަތު ކަމަށްވާ ތިން އަހަރު ނިމެންވާއިރަށް އެޤައުމުގެ ދަރަނި 6 ބިލިއަން އެމެރިކާ ޑޮލަރަށް ކުޑަވެގެންދާނެކަމަށް އައިއެމްއެފްއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި މި މުއްދަތުގައި ސޫދާނަށް އެއްފަހަރާ 1.4 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ.
އެމެރިކާގެ ޓްރެޝަރީން ބުނެފައިވަނީ މީގެކުރިން ސޫދާނުން އައިއެމްއެފްއަށް އަދާކުރަންޖެހޭ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުމުގައި އެމެރިކާއިން އެހީވެދީފައިވާނެކަމަށެވެ. މިފިޔަވަޅުތަކުގެ ސަބަބުން ސޫދާނަށް ފައިސާ ލިބޭނެ އިތުރުގޮތްތައް ހުޅުވިގެންދާނެކަމަށާއި އަދި މިއީ ފަޤީރުކަން ނައްތާލުމަށް އެޅުނު ރަނގަޅު ބިންގަލެއްކަމަށްވެސް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.
ސޫދާންގެ މާލީ ވަޒީރު ގިބްރިއަލް އިބްރާހީމް މީގެކުރިން ވިދާޅުވެފައިވަނީ ސޫދާނުން ބޭރު ޤައުމުތަކަށް ދަރާފައިވާ ދަރަނީގެ 90 އިންސައްތަ އަދާކުރެވޭނެ ގޮތެއް އެޤައުމުން ހޯދަމުން އަންނަކަމަށެވެ.