ދުނިޔޭގެ ވިޔަފާރި

15 އިންސައްތައިގެ ޓެކްސްއަށް ގިނަ ޤައުމުތަކެއްގެ ތާޢީދު


މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެމަދު މިންވަރު ކަމަށްވާ 15 އިންސައްތައަށް 130 ޤައުމެއްގެ ތާޢީދު ލިބިފައިވާކަމަށް އޮގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ބުނެފިއެވެ.

މި 130 ޤައުމުގެ ތެރޭގައި ޖީ ޓުވެންޓީގެ 20 ޤައުމުވެސް ހިމެނެއެވެ.

މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެމަދު މިންވަރު ކަމަށްވާ 15 އިންސައްތައަށް 130 ޤައުމެއްގެ ތާއިދު ލިބިފައިވާއިރު، ދުނިޔޭގެ ޖީޑީޕީގެ 90 އިންސައްތަ މި ޤައުމުތަކުން ޙިއްޞާކުރާކަމަށް އޯއީސީޑީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. މި ހުށަހެޅުމަކީ ޓެކްސް ރޭޓް ދަށް ޤައުމުތަކުގައި ވިޔަފާރިތައް ހުޅުވުމަށް ހިތްވަރު ނުދިނުމުގެ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އަދި މިދިޔަ މަހު އިނގިރޭސިވިލާތުގެ ކޯރންވޯލްގައި ބާއްވާފައިވާ ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމުގެ ލީޑަރުންގެ ބައްދަލުވުމުން މި ހުށަހެޅުމަށް ތާޢީދު ކުރަން ވަނީ ނިންމާފައެވެ.

އިންޑިއާ އަދި ޗައިނާއިން މީގެ ކުރިން މި ހުށަހެޅުމަށް ތާއީދު ނުކުރިޔަސް، މި ދެ ޤައުމުންވެސް މިހާރު ވަނީ މިކަމަށް ތާއީދު ކޮށްފައެވެ. ޤައުމުތަކުން ނެގި މި ފިޔަވަޅުން ދައްކައިދެނީ ދިގު މުއްތަކަށް ބަދަލެއް ނައިސް އޮތް ޓެކްސް ނިޒާމަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަންކަމުގައި ޚަބަރުތައް ބުނެއެވެ.

މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނުދެއްކުމުގެ ސަބަބުން އަހަރަކު 240 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭކަމަށް އޯއީސިޑީގެ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

މި ޓެކްސް ނެގުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންވެސް އަހަންމިއަޔަތުކަންދޭ ކަމެކެވެ. މި ގޮތަށް ނަގާ ޓެކްސްއިން އެމެރިކާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ފަންޑު ކުރުމާއި އިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީގެ ކަންކަމަށް ފަންޑުންކުރަން ނިންމާފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.