ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ވަޒީފާގެ ބާޒާރަށް އަނެއްކާވެސް ކުރިއެރުން


އެމެރިކާއިން އެ ޤައުމުގެ ވަޒީފާގެ ބާޒާރަށް އަނެއްކާވެސް އިތުރު 850000 ވަޒީފާ މިދިޔަ ޖޫންމަހު އިތުރުކޮށްފައިވާކަމަށް ޔޫއެސް ބިއުރޯ އޮފް ލޭބަރ ސްޓޭޓިސްޓިކް، ބީއެލްއެސްއިން ބުނެފިއެވެ.

އެމެރިކާގެ ވަޒީފާގެ ބާޒާރަށް އައި ކުރިއެރުމާއެކު އެމެރިކާގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ 5.9 އިންސައްތައަށް ދަށްވެފައެވެ. އަދި މިއީ ދިރާސާކުރާ ފަރާތްތަކުން ލަފާކުރިވަރަށްވުރެ އިތުރު ޢަދަދެއްކަމަށްވެސް ބީއެލްއެސްއިން ބުނެއެވެ.

ވެކްސިން ދޭ ރޭޓް މަތިވުމާއިއެކު ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމުގެ ސަބަބުން އެމެރިކާގެ ވަޒީފާތަކަށް މީހުން ނެގުން ވަނީ އިތުރުވެފައެވެ. އޭޕްރީލްމަހު އެމެރިކާގައި ހުޅުވާލާފައިވާ ވަޒީފާތަކުގެ ޢަދަދު 9.5 މިލިއަނަށް އަރައެވެ. ޖޫން މަހުވެސް މި ޢަދަދު އިތުރުވެ ވަޒީފާނެތް ގިނަ މީހުން ދަނީ ވަޒީފާތަކަށް އެއްބަސްވަމުންނެވެ.

ވަޒީފާގައި މިހާރުވެސް ތިބި މީހުންނާއި ވަޒީފާ ހޯދަން އުޅޭ މީހުންގެ ރޭޓް ޖޫން މަހުވެސް ބަދަލުނުވެ ވަނީ 61.6 އިންސައްތައިގައި ހިފެހެއްޓިފައެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތުގައި ވަޒީފާނެތް މީހުންނަށް ދޭ ޢިނާޔަތެއްގެ ގޮތުގައި ހަފްތާއަކު 300 ޑޮލަރު ދިނުމަކީ ވަޒީފާއަކަށް ނުގޮސް ތިބުމަށް ދެވޭ ހިތްވަރެކެވެ. އަދި ބައެއް ސްޓޭޓްތަކުން ވަރަށް އަވަހަށް މި ޢިނާޔަތް ދިނުން ހުއްޓާލާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ. ނަމަވެސް އިޤްޠިޞާދީ މާހިރުން ދެކޭގޮތުގައި ބޮޑެތި މީހުން ވަޒީފާއަށް ދިއުމުން ކުޑަކުދިން ބަލަހައްޓާނެ ރަނގަޅު ތަންތަން ނެތުމާއި ކޮރޯނާ ވައިރަހުގެ ބިރަށްވެސް ބައެއް މީހުން ވަޒީފާތަކަށް ނުގޮސް އެބަތިއްބެވެ. މީގެއިތުރުން ވަޒީފާތަކަށް ގިނަ މީހުން ޝައުޤުވެރިކުރުވުމަށްޓަކައި ކުންފުނިތަކުން ދަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަމުންނެވެ. މިގޮތުން އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮންމެ ގަޑިއިރަކަށް އެވަރޭޖްކޮށް 30.40 އެމެރިކާ ޑޮލަރު މިހާރު ލިބެއެވެ.

ނަމަވެސް އެމެރިކާގެ އިންފްލޭޝަން ރޭޓް މަތިވަމުންދާތީ މިއަށްވުރެ ރަނގަޅު މުސާރައަކަށް ރައްޔިތުން އުންމީދު ކުރެއެވެ. މީގެއިތުރުން ފެޑެރަލް ރިޒާރވުން އިންޓްރެސްޓް ރޭޓް ވަރަށް އަވަހަށް މަތިކުރަންއުޅޭ ކަމަށްވެސް މާހިރުން ވަނީ ލަފާކޮށްފައެވެ.