ދުނިޔޭގެ ވިޔަފާރި

27 އަހަރަށްފަހު ޖެފް ބޭޒޯސް އެމެޒޯންގެ ހިންގުމާއި ދުރަށް


27 އަހަރަށް ފަހު ޖެފް ބޭޒޯސް އެމެެޒޯން ކުންފުނީގެ ހިންގުމާއި ދުރަށް ޖެހެން ނިންމައިފިއެވެ.

ހަބަރުތައް ބުނާގޮތުން ޖެފް ބޭޒޯސްގެ މަޤާމާއި ދެން ހަވާލުވާނީ އެމެޒޯން ވެބް ސަރވިސްގެ ސީއީއޯ އެންޑީ ޖޭސީއެވެ.

ޖެފް ބޭޒޯސް ކުންފުންނީގެ ހިންގުމާއި ދުރަށް ޖެހުނު ކަމަށްވިއަސް ކުންފުނީގެ އެގްޒެކްޓިވް ޗެއަރމަންގެ މަޤާމުގައި ދެމި ހުންނާނެއެވެ. އަދި އޭނާގެ %10.3 ހިއްސާ ކުންފުނީގައި އޮންނާނެއެވެ.

ބޭޒޯސް، އެމެޒޯންއާއި ދުރަށް ޖެހޭއިރު، އޭނާ ވަނީ އާދައިގެ އޮންލައިން ފޮތް ވިއްކާ ކުންފުންޏަކުން ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުންފުންޏަށް އެމެޒޯން ހަދާދީފައެވެ. އަދި އެނާ ވަނީ މިދަތުރުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބުވެސް ހާސިލު ކޮށްފައެވެ.

ހަބަރުތައް ބުނާގޮތުން ކުންްފުނީގެ މަސައްކަތުން ދުރަށް ޖެހި، ޖެފްގެ ވަގުތު ހުސްކުރާނީ ޗެރިޓީ މަސައްކަތްތަކަށާއި، އަމިއްލަ ސްޕޭސް އެކްސްޕްލޮރޭޝަން ޕްރޮޖެކްޓު ބްލޫ އޮރިޖިންއަށެވެ.

އެމެޒޯންގެ ޖުމްލަ އަގު 1.7 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު އެކުންފުނިން އެންމެ ބޮޑު އާމްދަނީއެއް މިވަގުތު ހޯދަނީ އެމެޒޯން ވެބް ސާވިސް ކްލައުޑް ޕްލެޓްފޯމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް އެކަނި 13.5 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ހޯދާފައެވެ. ހަމަ އެއަހަރު އެމެޒޯން އީ-ކޮމާސް ޕްލެޓްފޯމުން 9.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިއެވެ.

ބޭޒޯސްގެ މިލްކިއްޔާތުގައި މިވަގުތު 193.5 ބިލިއަން ޑޮލަރަށް އަރާކަމަށް ފޯބްސްއިން ލަފާ ކުރާއިރު، އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ.