ދުނިޔޭގެ ވިޔަފާރި

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ނައިކުން ޚާއްޞަ ބޫޓެއް


ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށް ވަކި ބޫޓެއް، އެމެރިކާގެ މަޝްހޫރު ބޫޓު ހަދާ މަލްޓިނޭޝަނަލް ބްރޭންޑް ނައިކުން ތައާރަފްކޮށްފިއެވެ. ގޯ ފްލައިއީޒްގެ ނަމުން ނަންދީފައިވާ މި ބޫޓަކީ ނާޑުވާއާއި ނުލާ ތައްޔާރުކޮށްފައިވާ ބޫޓެކެވެ.

ނައިކުން ބުނީ މި ބޫޓު ހެދުމަށް އެންމެ ފުރަތަމަ ޚިޔާލު އައީ އިނގިރޭސިވިލާތުގެ ފުރާވަރު ކުއްޖެއް ކަމަށްވާ ޢުމުރުން 16 އަހަރުގެ މެތިއު ވޯލްޒާގެ ފަރާތުންނެވެ. މެތިއު އަކީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ފުއްޕާމޭ އެއްކޮށް ފުރިހަމަނުވާ ކުއްޖެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ގޮތުގައި ޙަޔާތުގެ ދުވަސްތައް ގުނަމުންދާ މެތިއު ވަނީ ކޮލެޖަށް ދާން ރަނގަޅު ބޫޓެއް ތަޢާރަފް ކޮށްދިނުމަށް އެދި 2012 ވަނަ އަހަރު ނައިކަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި މެތިއު ބުނެފައިވަނީ އޭނާއަށް ހަމައެކަނި އެރެނީ ބާސްކެޓް ކުޅެންދާ ބޫޓަށެވެ. އެއީ އޭނާގެ ތަނބިކައްޓަށް ސަޕޯޓް ބޭނުންވާތީއެވެ.

މެތިއުގެ މިކަންބޮޑުވުމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ނައިކުން ތަޢާރަފްކުރި މި ބޫޓަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ އެތްލީޓުންނަށް އަމާޒުކޮށް އުފައްދާފައިވާ ބޫޓެއްކަމަށެވެ.

9 އަހަރުގެ ދިރާސާއާއި ޓެސްޓިންތަކަށް ފަހު ގޯ ފްލައިއީޒް މިހާރު މިވަނީ ތަޢާރަފްކޮށްފައެވެ. އަތްނުލާ އެރޭ މި ބޫޓުގެ އަގަކީ 120 އެމެރިކާ ޑޮލަރެވެ. ބޫޓްގެ އަގު ބޮޑުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ބައެއް މީހުން ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ބަޔަކަށް ބޫޓް ގަންނަން ދަތިވެފައިވާކަމަށެވެ.

ބޫޓުގެ 3 ވައްތަރެއްގެ އެކި ކުލަތައް ބާޒާރަށްވަނީ ނެރެފައެވެ. އެއީ އެންތްރަސައިޓް، ރޭސަރ ބްލޫ އެންޑް ބްލެކް، ސެލެސްޓީނާ، ވޯލްޓް އެންޑް ވައިޓް އަދި ޑައިނެމިކް ޓާކުއިޝް ހައިޕަރ ކްރިމްސަން އެންޑް ބްލެކްއެވެ.

ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ ތެރެއިން 1 ބިލިއަން މީހުންނަކީ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ތަޙައްމަލު ކުރަމުންދާ މީހުންނެވެ. އެގޮތުން އިޖްތިމާޢީ އަދި އިޤްޠިސާދީ ގޮތުން ޙަރަކާތެރިވުމަށް ނުކުޅެދިފައިވާ ގިނަ ބަޔަކަށް މި ބޫޓުގެ ސަބަބުން ދިރިއުޅުން ފަސޭހަވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.