ޚަބަރު

ޕޯސްޓް މެދުވެރިކޮށް ނަޞާރާ ދީނުގެ ލިޔުންތަކެއް ފޮނުވާ މައްސަލައެއް ބަލަނީ


ޕޯސްޓް މެދުވެރިކޮށް ދިވެހިބަހުން ލިޔެފައިވާ ނަޞާރާ ދީނުގެ ލިޔުންތަކެއް ރާއްޖެއަށް ފޮނުވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، ފަހަކަށް އައިސް ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކެއް، ބޭރުގެ އެކި އެކި ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖެއަށް ފޮނުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިކަން ފާހަގަކުރެވިފައިވަނީ ޕޯސްޓްގެ ޒަރިއްޔާއިން ދިވެހިރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ދިވެހިބަހުން ލިޔެފައިވާ ނަޞާރާ ދީނުގެ މަޢުލޫމާތުގެ ލިޔުންތައް ދިވެހިރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީއުރަ ކުރެވި، ދިވެހިރާއްޖޭގެ ތަފާތު މުޢައްސަސާތަކާއި، ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށް އެޑްރެސް ކޮށްފައިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އެހެންނަމަވެސް މިހާތަނަށް ބެލި ބެލުމުން، މިކަމަކީ އެލިޔުންތައް އެޑްރެސް ކޮށްފައިވާ ފަރާތްތަކަށް އެނގުމަކާ ނުލައި، އޮޅުވާލުމެއްގެ ތެރެއިން ކުރަމުންދާ ކަމެއްކަމަށް ބެލެވޭކަމަށްވެސް އެ މުއައްސަސާއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ދިވެހިރާއްޖެ ގެނައުމާއި، އެފަދަ ފޮތްތައް އިޝްތިހާރުކުރުމާއި، ދިވެހިންނަށް ދެއްކުމާއި، އެފަދަ ފޮތްތަކުގެ މައުރަޒުތައް ބޭއްވުމާއި، ވިއްކުމާއި، ދިނުމާއި ދިވެހިރާއްޖޭގައި ޢާންމުކޮށް ފެންނަގޮތަށް ގެންގުޅުމަކީ މަނާކަމެކެވެ. އަދި ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ، ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ޓޭޕް، ޑިސްކެޓް ފަދަ ތަކެއްޗާއި، އިސްލާމްދީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ފެތުރުމަކީވެސް މަނާ ކަންތައްތަކެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން މިފަދަ ލިޔުންތައް ދިވެހިރާއްޖެއަށް އެތެރެވިޔަނުދީ ކަސްޓަމްސްއިން އަންނަނީ ހިފަހައްޓަމުންނެވެ. އަދި މިކަމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މި މައްސަލަ އިތުރަށް ތަޙްޤީޤްކުރަމުންދާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.