ގަލްފް ކޯޕަރޭޝަން ކައުންސިލް، ޖީސީސީގެ ޤައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެކްސްގެ ޤަވާއިދަށް ބަދަލުތަކެއް ގެންނަން ސައޫދީ އަރަބިއާއިން ނިންމައިފިއެވެ.
މި ނިންމުމުގެ މަޤްޞަދަކީ ގަލްފުގެ އެންމެ ބޮޑު ވިޔަފާރީގެ މަންޒިލްކަމަށްވާ ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީ އާއި ވާދަކުރުންކަމުގައި މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ސަޢުދީން ވަނީ އިޒްރާއީލްއާއި ގުޅުންހުރި މުދާ އެތެރެކުރުން އުނިކުރުމުގެ ގޮތުން ޓެކްސްގެ ޤަވާއިދަށް ބަދަލު ގެނެސްފައެވެ. ސައޫދީ ސަރުކާރުގެ ރަސްމީ ގެޒެޓް އުންމު އަލް ޤުރާގައި ޝާއިޢުކޮށްފައިވާ ގޮތުގައި ފްރީ ޒޯންގައި އުފައްދައި، ޔޫއޭއީއަށް ފައިދާވާ އަދި އިސްރާއީލްގެ ކުންފުންޏަކުން އުފައްދާފައިވާ ނުވަތަ އެ މުދަލުގައި އިޒްރާއީލުން އުފައްދާފައިވާ އެހެން މުދަލެއް އެކުލެވޭނަމަވެސް ކުރިން ދީފައިވާ ޓެކްސްގެ ލުއިކަން އެ މުދަލަކުން އުނިކުރާނެ ކަމަށެވެ. މީގެއިތުރުން ކުންފުނީގެ މަސައްކަތްތެރިންގެ ގޮތުގައި އެ ޤައުމުގެ 25 އިންސައްތަ މީހުން ޙިއްޞާނުވާކަމުގައިވާނަމަ އެ ކުންފުންޏެއް ޖީސީއީ ޓެކްސް އެއްބަސްވުމުން އުނި ކުރުމަށްވެސް ސައޫދީން ވަނީ ނިންމާފައެވެ.
ޓެކްސްގެ ޤަވާއިދަށް ގެނައި ބަދަލުތަކަކީ ގަލްފު ވިޔަފާރިތަކުގައި ޔޫއޭއީގެ ބާރު ނައްތާލުމަށް ސައޫދީން ކޮށްފައިވާ ކަމެއްކަމުގައި ގިނަ ފަރާތްތަކުން ދެކެއެވެ. ޗައިނާ ފިޔަވައި ސައުދީއަށް މުދާ އެތެރެކުރާ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔަކީ ޔޫއޭއީކަމަށް ވީނަމަވެސް ޓެކްސްއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސައޫދީން ވަނީ އަޅާފައެވެ.
އެ ޤައުމުގެ އިޤްޠިޞާދަކީ ހަމައެކަނި ތެލަށް ބަރޯސާވެފައި އޮންނަ އިޤްޠިޞާދަކަށް ނުހެދުމަށްވެސް ސަޢޫދީން ވަނީ އަމާޒު ހިފާފައެވެ. މިއާއެކު އެހެނިހެން ވަޒީފާތައް ސައޫދީން އަންނަނީ އިތުރުކުރަމުންނެވެ.
ދެ ޤައުމަށްވެސް އިޤްޠިޞާދީ އެއްބާރުލުން ދިނުމުގެގޮތުން ޔޫއޭއީއާއި އިޒްރާއީލާއި ދެމެދު މިދިޔަ މެއި މަހު ވަނީ ޓެކްސްއާއިބެހޭ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. އަދި މީގެ ސަބަބުން އިންވެސްޓްމެންޓްތައްވެސް އިތުރުވެގެންދާނެކަމަށް ޔޫއޭއީގެ މާލީވަޒީރު ވަނީ ވިދާޅުވެފައެވެ.
ފެބްރުއަރީމަހު ސައުދީ ސަރުކާރުން ވަނީ އެހެން ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމިރޭޓްސްގެ ސަރުކާރު ޙިއްޞާވާ ވިޔަފާރިތަކަށް ކޮންޓްރެކްޓްތައް ނުދޭން ނިންމާފައެވެ. އަދި މިއީ ޔޫއޭއީގެ އަވަށްޓެރި ދުބާއީއަށް ކުރިމަތިކުރުވި ގޮންޖެހުމެއްކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ދުބާއީގެ ގިނަ ވިޔަފާރީތަކެ ވަނީ އެހެން ޤައުމުތަކުގައި ޤާއިމުކޮށްފައެވެ.
ތެލުގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުކުރުމާއިމެދު މަޝްވަރާކުރުމަށް ދާދިފަހުން އޮގަނައިޒޭޝަން އޮފް ދަ ޕެޓެރޯލިއަމް އެކްސްޕޯރޓިންގ ކަންޓްރީޒް، އޯޕެކުން ބޭއްވި ބައްދަލުވުމުގައިވެސް ސައޫދީ އާއި ޔޫއީއީން ވަނީ ހިތްހަމަނުޖެހުންތައް ފާޅުކޮށްފައެވެ.