ތުރުކީވިލާތުގެ އިންފްލޭޝަން 17.53 އިންސައްތައަށް މައްޗަށް ހިނގައްޖެއެވެ.
ތުރުކީވިލާތުގައި އިންފްލޭޝަން މައްޗަށްދާނެކަމަށް މީގެކުރިން ލަފާކޮށްފައިވަނީ 17 އިންސައްތައަށެވެ. އަދި ކުރިއޮތްތަނުގައި މި ޢަދަދު ދާނީ މަތިވަމުންކަމުގައިވެސް މާހިރުން ލަފާކުރެއެވެ.
އިންފްލޭޝަން މިންކުރާ އެއްމިންގަނޑު ކަމަށްވާ އެވަރޭޖްކޮށް ތަކެތި ގަންނައަގު، ކޮންސިއުމަރ ޕްރައިސް އިންޑެކްސްވެސް ތުރުކީގައި ދަނީ މަތިވަމުންނެވެ. ޓާރކިޝް ސްޓެޓިސްޓިކަލް އިންސިޓިއުޓްގެ ހިސާބުތަކުން ދައްކާގޮތުގައި މި ޢަދަދު މިހާރު ހުރީ 1.94 އިންސައްތައިގައެވެ. އަދި މިއީ ރޮއިޓާރސްއިން ލަފާކޮށްފައިވާ 1.50 އިންސައްތައަށްވުރެ މަތީ ޢަދަދެކެވެ.
އިންފްލޭޝަން މިދިޔަ ޖޫންމަހު މައްޗަށްގޮސްފައި މިވަނީ ތުރުކީވިލާތުގެ ފައިސާގެ އަގު ދަށްވުމާއި ކޯވިޑްގެ ބަލިމަޑުކަމަށްފަހު އުފުލިގެންދިޔަ ޑިމާންޑްގެ ސަބަބުން 4 އަހަރުވަންދެން ދަށްވެފައި އޮތުމަށްފަހުއެވެ. ނަމަވެސް މިދިޔަ މެއިމަހު އިންފްލޭޝަން ރޭޓް ވަނީ 16.59 އަށް ދަށްވެފައެވެ. އަދި އެއީ ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ޤައުމު ފުރަބަންދަކަށް ދިއުމުން އައި ބަދަލެއްކަމަށްވެސް މާހިރުން ވިދާޅުވެއެވެ.
އުފެއްދުންތަކަށް އެވްރޭޖްކޮށް މަހުންމަހުން ލިބޭ އަގު ވަނީ ޖޫންމަހު 4.01 އިންސައްތައަށް އިތުރުވެފައެވެ. މިއާއެކު އަހަރެއްގެ މައްޗަށް މި ޢަދަދު ވަނީ 42.89 އިންސައްތައަށް އަރާފައެވެ. އަދި މިއީ މާރިޗްމަހުގެ މެދުތެރެއިން ފެށިގެން ތުރުކީވިލާތުގެ ފައިސާއަގު ދަށްވަމުން ދިއުމުގެ ސަބަބުން އައި ބަދަލެކެވެ. އަދި މީގެސަބަބުން އެޤައުމަށް އެތެރެކުރާ ގާތްގަނޑަކަށް ހުރިހާ މުދަލެއްގެ އަގުވެސް އުފުލުނެވެ. މީގެއިތުރުން ހަކަތައިގެ އަގުތައް މަތިވުމުން ދަތުފަތުރުގެ އަގުތައްވެސް ޖޫންމަހު ވަނީ 26 އިންސައްތައަށް އިތުރުވެފައެވެ.
ތުރުކީވިލާތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވީ އިންފްލޭޝަން ރޭޓް މި މަހާއި އަންނަމަހުވެސް މަތިވަމުންދާނެކަމުގައި ލަފާކުރައްވާކަމަށާއި ނަމަވެސް މީގެ ސަބަބުން އަހަރު ނިމޭއިރު އިންފްލޭޝަން މައްޗަށްދާނެކަމަށް ލަފާކޮށްފައިވާ 12.2 އިންސައްތައަށް މާބޮޑު އަސަރެއް ނުކުރާނެކަމަށް ދެކިލައްވާކަމަށްވެސް ތުރުކީވިލާތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވިއެވެ.