ވިޔަފާރި

ބީއެމްއެލްގެ އެހީގައި ވާދޫގައި ސްކޭޓް ޕާކެއް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކޮށް މިއަދު ހުޅުވައިފިއެވެ.

މި ޕާކުގައި ސްކޭޓްކުރާނެ ބަޔަކާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއްވެސް ހިމެނެއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައި އާ ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމްކޮށް ހެލިފެލިވެ އުޅުން އިތުރު ކުރުމަށް ބާރުއެޅުން ކަމަށެވެ. މި ރަށުގައި ރާޅާއެޅުމަކީ މައްޝޫރު ކަމަކަށްވާއިރު މި ރަށުގެ ކުދި ބޮޑު އެންމެންނަށްވެސް މި ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެެއެވެ. މިއާ އެކު ހުވަދު އޮތޮޅުގައި ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ހިނދު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެެކަމަށް ބީއެމްއެލުން ޤަބޫލްކުރެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)ގެ ރައީސް އަޙްމަދު ޠާރިޕް މުޙައްމަދު ވިދާޅުވީ މި ޕާކާއެކު މުނިފޫހިފިލުވުމާއި ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ އެކަތިގަނޑަކަށްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

ހެޓްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.