މެއިމަހުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދޭންފެށި ޙަމަލާތަކުގެ ސަބަބުން ޣާއްޒާގެ އިޤްޠިޞާދު ވަރަށްބޮޑަށް ހީނަރުވެފައިވާކަމަށް އެމެރިކާއާއި ޔޫރަޕުގެ އިއްތިޙާދާއި ވޯރލްޑް ބޭންކުން ބުނެފިއެވެ.
11 ދުވަހަށް ދެމިގެންދިޔަ މި ޙަމަލާތަކުގެ ސަބަބުން 290 މިލިއަން އެމެރިކާ ޑޮލަރާއި 380 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް އަގުގެގޮތުން ބަލާނަމަ ގެއްލުންވެފައިވާކަމަށް އަންދާޒާ ކުރެވޭކަމަށް ޣައްޒާ ރެޕިޑް އެންޑް ނީޑްސް އެސްސްމަންޓް (އާރްޑީއެންއޭ)އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
މި ގެއްލުންތަކުން އަރައިގަތުމަށް 345 މިލިއަން އެމެރިކާ ޑޮލަރާއި 485 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ޢަދަދެއް ބޭންނުވާނެކަމަށްވެސް އާރްޑީއެންއޭ އިން ލަފާކުރެއެވެ.
ޣައްޒާގެ %62 މީހުންނަކީ ކާބޯތަކެތި ލިބުމުން މަހްރޫމްވެފައިވާ މީހުންކަމާއި މީގެއިތުރުން ވަޒީފާނެތް މީހުންގެ ނިސްބަތްވަނީ މިހާރުވެސް %48އަށް އަރާފައިކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ފަޤީރުކަމުގެ ނިސްބަތް ވަނީ %50އަށްވުރެ މަތީގައެވެ.
މެއި މަހު އިސްރާއީލުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 260 މީހުންނާއި 66 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އަދި ޣާއްޒާގެ އިޖްތިމާޢީ، އިޤްޠިޞާދީ ޙަރަކާތްތައް ހިންގާ ތަންތަނާއި މީހުން ދިރިއުޅޭ ސަރަޙަދުތައްވެސް ވަނީ ސުންނާފަތިވެފައެވެ.
އާރްޑީއެންއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި އިސްރާއީލުން ދިން ޙަމަލާތަކުގައި ބޮޑަށް ގެއްލުން ލިބިފައިވަނީ ޣައްޒާގެ ގެދޮރަށާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ތަޢުލީމުދޭ ތަންތަނެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ވަޒީފާތަކަށް ގާތްގަޑަކަށް 180 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ފަލަސްޠީނަށް އެކިގޮތްގޮތުން އެހީ ބޭނުންވާކަމަށާ، މިއެހީތައް އަވަހަށް ފޯރުކޮށްދިނުމަށް އެދި ރިޕޯޓްގައިވަނީ ދުނިޔޭގެ ޤައުމުތަކަށް ގޮވާލާފައެވެ.
ޣައްޒާއަކީ ކުޑަތަންކޮޅެއްގައި ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އުޅެންޖެހިފައިއޮތް ސަރަޙައްދެވެ. ޣައްޒާގައި ދެ މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެން ޖެހިފައިވަނީ 141 އަކަ ފޫޓުގެ ސަރަޙައްދެއްގައެވެ. އަށް ލައްކަ މީހުންނަށް ރަގަޅު ބޯފެން ނުލިބޭއިރު ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ލިބެނީ ކުޑަ ވަގުތު ކޮޅަކަށެވެ. ސިއްޙީ ޚިދުމަތްތައްވެސް ޢާންމުންނަށް ރަގަޅު ފެންވަރަކަށް ފޯރުކޮށެއްނުދެވެއެވެ.