ދުނިޔޭގެ ވިޔަފާރި

ފަޤީރު ޤައުމުތަކަށް އެހީވުމަށް ޖީ-20ގެ ޤައުމުތަކަށް ބައިނަލްއަޤުވާމީ މާލީ އިދާރާއިން ގޮވާލައިފި


ފަޤީރު ޤައުމުތަކަށް އެހީވުމަށް ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތައްކަމަށްވާ ޖީ-20ގެ ޤައުމުތަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، ނުވަތަ ދުނިޔޭގެ މާލީ އިދާރާ (އައިއެމްއެފް)ގެ ޗީފް ކްރިސްޓަލިނާ ޖިއޮޖީވާ ގޮވާލައްވައިފިއެވެ.

ކޯވިޑްގެ ބަލިމަޑުކަމުން ޤައުމުތަކަށް ކުރިމަތިވި އިޤްޠިޞާދީ ހީނަރުކަމަށްފަހު ޤައުމުތައް އާރާސްތުކުރުމަށް އެއްބާރުލުން ދިނުމަށްވެސް ކްރިސްޓަލީނާވަނީ ގޮވާލައްވާފައެވެ.

މުއްސަނދި ޤައުމުތަކާއި ފަޤިރު ޤައުމުތަކުގެ މެދުގައި މީހާރުވެސް ދުރުކަމެއް އުފެދިގެން އަންނަ ކަމުގެ އިންޒާރުދެއްވަމުން ކްރިސްޓަލީނާ ވިދާޅުވީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދީ މާލީ އެހީ ފޯރިކޮށްދިނުމަށް ބޭނުންވާ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް ޖީ-20ގެ ޤައުމުތަކަށް ގޮވާލައްވާކަމަށެވެ. އަދި މިކަންކަން ނުކޮށްދެވިއްޖެނަމަ ކޮރޯނާ ވައިރަހުގެ އައު ވޭރިއަންޓް ފެތުރޭ މިދަނޑިވަޅުގައި ގިނަ ބަޔަކު މަރުވެގެން ހިނގައިދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެކްސިން ދިނުމުގައި އެންމެ ކުރީގައިއުޅޭ އެމެރިކާއިން ވެކްސިން ދޭ މިންވަރު މިއަހަރު %7އަށް އިތުރުކޮށް ޗައިނާއާއި އީޔޫގެ ޤައުމުތަކުންވެސް ވެކްސިން ދޭ ރޭޓް މަތިކުރުމުގައި ކުރިއަރަމުންދާއިރު ތަރައްޤީވަމުން އަންނަ ޤައުމުތައް މިކަމުގައި ވަނީ ވަރަށް ފަހަތުގައެވެ.

މިއާއެކު ވެކްސިން އިތުރަށް ފޯރުކޮށްދީ، ޤައުމުތަކުގެ ދަރަނި މަޢާފްކޮށްދީ މިއަހަރު ނިމޭއިރު ޤައުމުތަކުގެ އާބާދީގެ %40އަށް ވެކްސިން ފޯރުކޮށްދިނުމަށް އަނެއްކާވެސް ކްރިސްޓަލީނާ ވަނީ ގޮވާލައްވާފައެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ހާފްގައި އެ ޤައުމުތަކުގެ އާބާދީގެ އެންމެ މަދުވެގެން %60އަށް ވެކްސިން ފޯރުކޮށްދިނުމަށްވެސް ކްރިސްޓަލީނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން އެފްރިކާގެ ސަބް ސަހާރަން ޤައުމުތަކުގައި 100އިން އެކަކު ވެކްސިން ޑޯޒް ހަމަކޮށްފައިވާއިރު މި ޤައުމުތަކަކީ އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ޤައުމުތައްކަމަށްވެސް ކްރިސްޓަލީނާ ވިދާޅުވިއެވެ. މަދުން ޢާމްދަނީ ލިބޭ ޤައުމުތަކުގައި ހަމައެކަނި ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް 200 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާއިރު އެޤައުމުތަކުގެ އިޤްޠިޞާދު އަލުން އާރާސްތު ކުރުމަށް 250 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށްވެސް އައިއެމްއެފުން ލަފާކުރެއެވެ.

އަދި މިކަންކަން އެ ޤައުމުތައް އަމިއްލައަށް ނުކުރެވޭނެ ކަމަށާ، މުއްސަނދި ޤައުމުތަކުގެ އެހީ ބޭނުންވާނެކަމަށް ކްރިސްޓަލީނާ ވަނީ ވިދާޅުވެފައެވެ.