ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %72 މީހުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ޓޫރިޒަމް މިިނިސްޓްރީން ހަފްތާއަކު އެއްފަހަރު ނެރޭ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މަސައްކަތްކުރާ %72 މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވެއެވެ. އަދި %97 މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި މުޅި ޖުމްލަ 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. މި 152 ރިސޯޓްގައި މުޅި ޖުމްލަ 41431 މުވައްޒަފުން މަސައްކަތްކުރެއެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށިތާ 3 ދުވަސްތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެގާތުން މަސައްކަތްކުރާ މީހުންނަށް ވާތީ ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް މިސިނާއަތަށް ވަނީ ދީފައެވެ.
ކޯވިޑު ބަލި ފެތުރުން ހުއްޓުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާއިރު ސަރުކާރުންވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންވުމަކާއި ނުލައި ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ދެއްވާފައެވެ.
އެގޮތުން ރިސޯޓް މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން، ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ކަރަންޓީންވާން ނުޖެހި ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށާއި ދަތުރުކުރުމުގެ ހުއްދަ ދޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ރާއްޖެއަކީ ކޯވިޑްގެ ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި މިދިޔަ އޭޕްރިލް މަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.