ޚަބަރު

ފޮރިން މިނިސްޓްރީގެ މަސައްކަތްތައް މާދަމާއިން ފެށިގެން ރަސްމީ އިމާރާތަށް!


މާދަމާއިން ފޮރިން މިނިސްޓްރީން ވަގުތީ އިމާރާތުން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތަކާއި މަސައްކަތްތައް އެ މިނިސްޓްރީގެ ރަސްމީ އިމާރާތަށް ބަދަލުވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގެ ރަސްމީ އިމާރާތް މަރާމާތުކޮށް ނިމިފައިވާތީ، މާދަމާއިން ފެށިގެން މިނިސްޓްރީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގއިން މިނިސްޓްރީގެ އިމާރާތަށް ބަދަލުވެފައިވާކަމަށެވެ. އަދި މަސައްކަތްތައް ބަދަލުކުރާ ދުވަސްތަކުގައި ފޮރިން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކުގައި ދިމާވެދާނެ ދަތިތަކަށް އެ މިނިސްޓްރީން ވަނީ މަޢާފަށް އެދިފައެވެ.

ފޮރިން މިނިސްޓްރީގެ ޢިމާރާތުގެ ޖާގަ އިތުރުކޮށް، ޢިމާރާތް މަރާމާތުކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ 29 ޑިސެމްބަރ 2018 ގައެވެ. މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތް ނިމުމުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށާއި، މިނިސްޓްރީން ދޭ ޚިދުމަތްތައްވެސް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މަރާމާތުގެ މަސައްކަތްތައް ކުރުމަށް ބޮޑުތަކުރުފާނު ބެންކް އޮފް ސިލޯނާއި ޖެހިގެން ހުރި ފޮރިން މިނިސްޓްރީގެ މައި އިމާރާތް ހުސްކުރުމަށްފަހު، އެ މިނިސްޓްރީގެ ހިންގުން ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީ ހުރި އެމް.ޓީ.ސީ.ސީގެ އިމާރާތަކަށް ވަގުތީގޮތުން ބަދަލުކޮށްފައިވަނީ 25 އޯގަސްޓް 2019 ގައެވެ. ފޮރިން މިނިސްޓްރީން ފޯރުކޮށްދެމުންދިޔަ ކޮންސިއުލަރ ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ދިޔައީ އެ މިނިސްޓްރީގެ ވަގުތީ އިމާރާތުންނެވެ.

ފޮރިން މިނިސްޓްރީގެ މައި އިމާރާތް މަރާމާތުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ ޗައިނާ އެއިޑްގެ ދަށުންނެވެ.