މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސްނެގޭ އެންމެމަދު މިންވަރު ކަމަށްވާ 15 އިންސައްތައިގެ ޓެކްސްއަށް ދުނިޔޭގެ އެންމެ މުއްސަނދި ޖީ ޓުވެންޓީ ޤައުމުތަކުގެ މާލީ ވަޒީރުން ތާޢީދުކޮށްފިއެވެ.
އިޓަލީގެ ވެނިސްގައި ހުކުރު ދުވަހު ކުރިއަށްދިޔަ ދުނިޔޭގެ އެންމެ މުއްސަނދި ޖީ ޓުވެންޓީ ޤައުމުތަކުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި ޓެކްސްއާ ބެހޭ އެއްބަސްވުމާއި ގޮތެއް ނިންމާނެކަމަށް ޚަބަރުތައް ބުނެއެވެ.
މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެމަދު މިންވަރަކީ 15 އިންސައްތަ ކަމަށް ކަނޑައެޅުމުގެ މަޤްޞަދަކީ ބޮޑެތި ވިޔަފާރިތަކުން މަދުން ޓެކްސް ދައްކަންޖެހޭ ޤައުމުތަކުގައި އިންވެސްޓްކޮށް ބޮޑުޢަދަދުން ފައިދާ ހޯދުން ހުއްޓުވާ ހުރިހާ ކުންފުނިތަކެއްވެސް އިންސާފުވެރި ޓެކްސެއް ދެއްކުމަށް ހިތްވަރުދިނުމެވެ. ނަމަވެސް މިކަމާއި ދެކޮޅަށް އަޑުއުފުލާ ބައެއް ފަރާތްތަކުން ދަނީ މި ހުށަހެޅުމުގައި ހުރި ބައެއް އުނިކަންކަން ފާހަގަކުރަމުންނެވެ.
އެއްބަސްވުމަށް ތާޢީދުކޮށް ޖީ ޓުވެންޓީގެ ޤައުމުތަކުން ނެރުނު ދެލި ކޮޕީގައި މި އެއްބަސްވުމުގައި ސޮއި ނުކުރާ ހުރިހާ ޤައުމުތަކަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ވަނީ ގޮވާލާފައެވެ.
ހޮނިހިރު ދުވަހު މި ބައްދަލުވުން ނިންމާލުމަށްފަހު ދެލިކޮޕީގައި ހިމެނޭ ކަންކަން ބަޔާނެއްގެ ގޮތުގައި ޢާންމުކުރާނެކަމަށްވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. މިއާއެކު ޕެރިސް ބޭސްޑް އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓުން 131 ޤައުމަކާއެކު މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައިވެސް މި އެއްބަސްވުން ފާސްކުރާނެއެވެ.
ބައިނަލްޢަޤުވާމީ މާލީ ޖަމިއްޔާގެ ފަސްޓް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިގޮތުގައި މިއީ ދުނިޔެއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި އެއްބަސްވުމަށް ފަޤީރު ޤައުމުތަކުން އެއްބަސްކުރުވަން އަދިވެސް ގިނަމަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ޓެކްސް ނިޒާމަށް ގެންނަ ބަދަލުގެ އިތުރުން ކޯވިޑްގެ ބަލިމަޑުކަމަށްފަހު ޤައުމުތަކުގެ އިޤްތިޞާދު ކުރިއަރުވާނެގޮތުގެ މައްޗަށާއި މޫސުމީ ބަދަލުތަކުގެ މައްޗަށް އަދި ފަޤީރު ޤައުމުތަކަށް އެހީވެދިނުމުގެ މަޝްވަރާތައްވެސް ޖީ ޓުވެންޓީ ޤައުމުތަކުގެ ބައްދަލުވުމުގައި ކުރިއަށްގެންދިޔައެވެ.