އޫރުމަހުގެ އަގުތައް ތިރިވާން ފެށުމާއެކު ޗައިނާގެ އިންފްލޭޝަން ޖޫންމަހު ދަށްވެފައިވާކަމަށް އެ ޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ބޮޑު އިޤްޠިޞާދެއް އޮންނަ ޗައިނާ ވަނީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު އެ ޤައުމުގެ އިޤްޠިޞާދު ވަރަށް ބޮޑަށް އާރާސްތު ކޮށްފައެވެ.
ތަކެތީގެ އަގުބޮޑުވެ މިއަހަރު ކުރީކޮޅު އިންފްލޭޝަން ވަރަށްބޮޑަށް މައްޗަށް ގޮސްފައި އޮތްނަމަވެސް މިދިޔަމަހު ޗައިނާގެ އިންފްލޭޝަން ވަނީ ދަށްވެފައެވެ.
އިންފްލޭޝަން މިންކުރާ އެއް މިންގަނޑުކަމަށްވާ އެވަރޭޖްކޮށް ތަކެތި ގަންނަންލިބޭ އަގު، ކޮންސިއުމަރ ޕްރައިސް އިންޑެކްސް ޖޫންމަހު ވަނީ 1.1 އިންސައްތައިގައެވެ. އަދި މިއީ މާހިރުން ލަފާކުރިވަރަށްވުރެވެސް ދަށް ޢަދަދެކެވެ. މިއީ އޫރުމަހުގެ އަގު ދަށްވުމާއި ގުޅިގެން އިންފްލޭޝަނަށް އައި ބަދަލެއްކަމަށް ޗައިނާގެ އިޤްޠިޞާދީ މާހިރުން ވިދާޅުވެއެވެ.
އެފްރިކަން ސްވައިން ފުލޫގެ ސަަބަބުން އޫރުމަހުގެ އަގުބޮޑުވެ، އެވްރެޖްކޮށް ތަކެތި ގަންނަން ލިބޭ އަގު މީގެކުރިން ވަނީ ވަރަށް ބޮޑުތަން އުފުލިފައެވެ. ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ބުނާގޮތުގައި އޫރުމަހުގެ އަގު މިހާރު ވަނީ 36.5 އިންސައްތައަށް ދަށްވެފައެވެ. މިއާއިއެކު މިއަހަރުގެ އިންފްލޭޝަން ރޭޓް 3 އިންސައްތައަށް ދަށްކުރުމަށް ޗައިނާ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ކާރުޚާނާތަކުން ނެރޭ މުދަލުގެ އަގު މިންކުރާ އެއް މިންގަނޑުކަމަށްވާ، ވިޔަފާރިތަކުން މުދާ އުފައްދާ ފަރާތްތަކަށް އެވަރޭޖެކޮށް ލިބޭ އަގަށް، އަންނަ ބަދަލު ވަނީ 8.8 އިންސައްތައަށް އިތުރުވެފައެވެ.
އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ޗައިނާއިން އުފައްދާ ރޯ-މެޓީރިއަލްގެ އުފެއްދުންތައް އިތުރުކުރުމަށް ރަގަޅު އުޞޫލުތަކެއް ކަނޑައެޅުމަށްވެސް މާހިރުން ގޮވާލައެވެ.