މަލްޓިނޭޝަނަލް ވިޔަފާރިތަކުން ޓެކްސްނެގޭ އެންމެމަދު މިންވަރަކީ %15 ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި، ޖީ-20ގެ ޤައުމުތަކުގެ މާލީ ވަޒީރުން ފާސްކޮށްފިއެވެ.
މަލްޓިނޭޝަނަލް ވިޔަފާރިތަކުން ނަގާ ޓެކްސްގެ އެންމެމަދު މިންވަރަކީ %15 ކަމުގައި ހިމަނައިގެން ބައިނަލްއަޤުވާމީ ޓެކްސް ނިޒާމަށް ބަދަލު ގެންނަ ފްރޭމްވޯރކުގައި، މިމަހުގެ ކުރީކޮޅު 132 ޤައުމަކުން ވަނީ ސޮއި ކޮށްފައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި 19 ޤައުމާއި ޔޫރަޕުގެ އިއްތިޙާދުން މިކަމަށް ތާޢީދުކޮށް ފާސްކުރުމުން ކުރިއަށް އޮތްތަނުގައިވެސް މިކަމާއިމެދު އިތުރަށް މަޝްވަރާކޮށް މިކަން ޙަޤީޤަތަކަށް ހެދުމާއިމެދު ޔަޤީންކަން ލިބިގެން ދިޔައީކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
އިޓަލީގެ ވެނިސްގައި ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި، ޓެކްސްއަށް މިގެނައި ބަދަލު ނިންމައި ނެރުނު ބަޔާނުގައި ޖީ-20ގެ ޤައުމުތަކުން ނިންމި މި ނިންމުމަކީ ވަރަށް ތާރީޚީ ނިންމުމެކެވެ. މިއީ ބައިނަލްއަޤުވާމީ ޓެކްސް ނިޒާމަށް ގެނައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ބަދަލެއްކަމަށްވެސް ޤައުމުތަކުން ނެރުނު ބަޔާނުގައި ވެއެވެ.
މި ހުށަހެޅުމަށް ތާޢީދުކުރި އެއް ޤައުމަކީ ސިންގަޕޫރެވެ. އަދި މިއީ ޤަރުނުތަކަކަށްފަހު ޓެކްސް ނިޒާމަށް ގެނައި އެންމެ މުހިންމު އެއް ބަދަލުކަމަށްވެސް އެ ޤައުމުގެ މާލީ ވަޒީރު ލޯރެންސް ވޯންގ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޓެކްސް ނިޒާމަކީ ޢާމްދަނީ ހޯދުމަށްއޮތް މަގެއްގެ އިތުރުން އުފެއްދުންތެރިކަމާއި ވަޒީފާގެ ފުރުޞަތުތައް ހޯދުމަށްވެސް މި ނިޒާމުގެ ތެރެއިން، ހިތްވަރު ދޭންޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފްރާންސްގެ މާލީ ވަޒީރު ބްރޯނޯ ލެ މާރިއޯ ވިދާޅުވިގޮތުގައި ޓެކްސް ނިޒާމަށް ބަދަލެއް ގެންނަން މި ލިބުނު ފުރުޞަތަކީ ވަރަށް ނުލިބޭނެކަހަލަ ފުރުޞަތެކެވެ. މިބަދަލަކީ އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް ދަށް ޓެކްސް ރޭޓެއް ކަނޑައެޅުމަށް ޤައުމުތަކުން ވާދަވެރިކަމާއިއެކު ކުރާ މަސައްކަތް ހުއްޓުވުމުގެ މަޤްޞަދުގައި ގެނައި ބަދަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާމެދު ނިންމި ފައިނަލް ނިންމުން އަންނަ އޮކްޓޫބަރުމަހު އިތަލީގެ ރޯމްގައި ބާއްވަން ހަމަޖެހިފައިވާ ސަމިޓަށް ހުށަހަޅާނެއެވެ. އަދި 2023ވަނަ އަހަރު މިކަން ތަންފީޒުކުރަން މަސައްކަތްކުރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.