ޚަބަރު

ޢީދު ބަންދުގައި، ކުށުގެ ރެކޯޑު ސާފުކުރުން މެދުކެނޑޭނެ - ޑީޖޭއޭ


ކުރިއަށް އޮތް ޢީދުގެ ބަންދު ދުވަސްތަކާއި، މިނިވަން ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ކުށުގެ ރެކޯޑު ސާފުކޮށްދިނުން މެދުކެނޑޭނެ ކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން "ޑީޖޭއޭ"އިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މަސައްކަތް ރާވާވާފައިވާ ގޮތާ ގުޅޭގޮތުން ނެރުއްވި ބަޔަނެއްގައި ވިދާޅުވެފައިވަނީ މާދަމައަށްފަހު އެއިދާރާއަށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑު ސާފުކޮށްދެވޭނީ ބަންދު ދުވަސްތަކަށްފަހު ސަރުކާރު ހުޅުވުމުންކަމަށެވެ.

އަޟުޙާ ޢީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ކުށުގެ ރެކޯޑު ސާފުކުރުމާއި ޝަރުޢީ ދާއިރާއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް މިހާރު ހަމަޖެހިފައިވާ ގޮތުން ރެކޯޑު ސާފުކުރުމަށް ހުށަހަޅާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކޮށްދެމުން ދެއެވެ.

އަޟުޙާ ޢީދާއި މިނިވަން ދުވަހާއި ގުޅިގެން 18 ޖުލައި އިން 27 ޖުލައި 2021އަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ، އެއިދާރާއިން ވަނީ ޗުއްޓީ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށް ދިނުން މެދުކެނޑޭނެކަން ހާމަކުރައްވާފައެވެ.