ވިޔަފާރި

ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަށް ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގެ މަސައްކަތަށް ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

މިކަމާއި ގުޅޭ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއުކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އަދި ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެޑްމިން އެންޑް ފައިނޭންސް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ ނަދާލް އަލް ޢުލަޔާނެވެ.

ކުވޭތު ފަންޑުންވަނީ 2016ވަނަ އަހަރުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލްގެ މަސައްކަތަށް 50 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 771 މިލިޔަން ރުފިޔާގެ ލޯނެއް ދީފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން އެއަރޕޯޓުގައި އާ ފަސެންޖަރ ޓާރމިނަލަކާއި ކާގޯ ޓާރމިނަލެއް ތަރައްޤީކުރުން ހިމެނެއެވެ.

އައު ޓަރމިނަލްގެ މަސައްކަތް ސަޢުދީ ބިންލާދިން ގްރޫޕާ، އެންމެ ފުރަތަމަ ޙަވާލުކޮށްފައިވަނީ 2016ވަނަ އަހަރުގެ މެއި މަހުގެ 22ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ބިންލާދީން ގްރޫޕާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް، އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެމް.އޭ.ސީ.އެލުން އަލުން ސޮއިކޮށްފައިވަނީ 2019ވަނަ އަހަރުގެ ޖޫންމަހުގެ 27ވަނަ ދުވަހުއެވެ.

އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް 357 މިލިއަން ޑޮލަރު ޚަރަދުވާއިރު، މި ޓަރމިނަލަކީ ހަތްދިހަ އަށް ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ބިންލާދީން ގްރޫޕާއެކު ފަހުންވީ އެއްބަސްވުމުގެ ދަށުން ޓަރމިނަލްގެ ބޮޑުކުޑަމިނަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިވެހިވަންތަ ސިފަތަކެއް ފެންނާނެހެން ޓަރމިނަލުގެ އެތެރެއާއި ބޭރުގެ ޑިޒައިންނަށް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް އެމް.އޭ.ސީ.އެލުން ވަނީ ވިދާޅުވެފައެވެ.

ޓަރމިނަލްގެ މަސައްކަތް މުޅިން ނިންމާލުމަށް ގާތްގަނޑަކަށް 30 މަސް ދުވަސް ހޭދަވާނެ ކަމަށް ކުރިންވަނީ ލަފާކޮށްފައެވެ. އަދި އެތަން ބޭނުން ކުރެވޭ ވަރުވާނީ 2022ވަނަ އަހަރުގެ މެދުތެރޭގައިކަމަށްވެސް އެމްއޭސީއެލުން އޭރު ވިދާޅުވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ކާރގޯ ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުންދާ ޓަރމިނަލެކެވެ. އާ ކާރގޯ ޓަރމިނަލްގެ މަސައްކަތް ކުރަމުންދަނީ އާ ރަންވޭގެ މަސައްކަތްވެސް ކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ މި ޓަރމިނަލަކީ މިހާރު ބޭނުންކުރާ ޓަރމިނަލަށްވުރެ %50 ޖާގަ ބޮޑު ޓަރމިނަލެކެވެ. އަދި މިތަނުން އަހަރަކު ،ސަތޭހަ ވިހި ހާސް ޓަނުގެ މުދާ ގުދަންކުރެވޭނެ ކަމަށްވެސް އެމް..އޭ.ސީ.އެލުން ވިދާޅުވެއެވެ.