ޚަބަރު

އޯއައިސީގެ ވަޒީރުންގެ މަހާސިންތާގައި ޖެންޑާ މިނިސްޓަރ


މިޖުލައި މަހުގެ 8ވަނަ ދުވަހު މިޞުރުގެ ވެރިރަށް ޤާހިރާގައި ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ)ގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން ނުވަތަ އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ބޭއްވި ވަޒީރުންގެ ފެންވަރުގެ މަހާސިންތާގެ 8ވަނަ ސެޝަންގައި ރާއްޖޭގެ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ކޯވިޑް-19ގެ ހާލަތުގައި އިސްލާމީ ޤައުމުތަކުން އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި، އެމަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކުގެ ތެރެއިން، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އިސްލާމީ އެކިއެކި ޤައުމުތަކުގެ ތަޖުރިބާތައް ހިއްސާކުރެވިގެންދިޔައެވެ.

މިނިސްޓީރިއަލް ކޮންފަރެންސްގެ 8ވަނަ ސެޝަންގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވަފައެވެ.

އޯއައިސީގެ މަހާސިންތާގެ ހަވާސާގައި ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން، ކޯވިޑްގެ އާ ޢާއްމު ޙާލަތުގައި އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ބޭއްވި ވަޒީރުންގެ ބައްދަލުވުމައިވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ކޯވިޑް-19ގެ ޙާލަތުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ ވަނީ ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ދޭ އެހީތެރިކަމާއި ޚިދުމަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިނާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.