ޚަބަރު

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި މީހާގެ ބަންދަށް އިތުރު 3 ދުވަސް


ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދީ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގެ މުއްދަތަށް އިތުރު 3 ދުވަސް ޖަހައިފިއެވެ.

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މީހާގެ ބަންދުގެ މުއްދަތުގެ އިއްޔެއަށް ހަމަވާތީ، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ އިތުރު 3 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސޯޝަލް މީޑިއާއާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި، މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފަައެވެ. އަދި، އެފަދަ އަމަލު ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ، ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާކަމަށެވެ.

އަދި މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއްކަމުން، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.