ޚަބަރު

ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ނިންމައިފި


ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ޖަޕާނުން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޖަޕާނުން ކޮވެކްސް ފެސިލިޓީގެ ދަށުން 10 ޤައުމަކަށް 11 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ޖަޕާނުން ވެކްސިން ފޯރުކޮށްދިނުމަށް ކަނޑައެޅި 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ރާއްޖެއާއި ޖަޕާނުގެ ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށާއި، އެކަމަށްޓަަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށެވެ.

ކޯވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ހަމަހަމަކަމާއިއެކު ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ފެސިލިޓީއެކެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން ނޫނަސް، ދިވެހި ސަރުކާރުން ދަނީ ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން ރަޝިޔާގެ ވެކްސިނާއި ސިންގަޕޫރުގެ ވެކްސިން ހޯދުމުގެ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި މިހާރުވެސް ވެކްސިން ޕްރޮގްރާމް ކުރިއަށްދާއިރު، ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޯފާމް ވެކްސިންއާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ.