ޚަބަރު

ކުށްކޮށްގެން ހޯދާފައިވާ ރޮލެކްސް ގަޑިއަކާއި ލަގްޒަރީ އެޕާޓްމަންޓެއް ދައުލަތަށް ނަގަން ޕީޖީ އެދިއްޖެ


ކުށްކޮށްގެން ހޯދާފައިވާ ރޮލެކްސް ގަޑިއަކާއި ލަގްޒަރީ އެޕާޓްމަންޓެއް ދައުލަތަށް ނަގަން އެދިފައިވާނޭކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުމަށް ކުރި މަސައްކަތުގެ ދަށުން، ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގަން އެދިފައިވާނޭކަމަށެވެ. މިގޮތުން މިދިޔަ އަހަރުވެސް މަނީލޯންޑަރިންއާއި ގުޅުންހުރި 26 މައްސަލައެއްގައި 70 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. 70 މިލިއަން ރުފިޔާގެ އިތުރުން ލަގްޒަރީ އެޕާޓްމަންޓަކާއި، ރޮލެކްސް ގަޑިއެއްވެސް ދައުލަތަށް ނެގުމަށް އެދިފައިވާނޭކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ޝަމީމް އިޝާރާތްކުރައްވައި ލަގްޒަރީ އެޕާޓްމަންޓަކާއި، ރޮލެކްސް ގަޑިއަކީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކަށް ނިސްބަތްވާ ތަކެއްޗެވެ. އަދި މިތަކެއްޗާއި ގުޅޭ ދައުވާތައް މިހާރުވެސް ކޯޓުގައި ދަނީ ކުރިއަށެވެ.

ޝަމީމް ވިދާޅުވީ މަނީލޯންޑަރިންގެ މައްސަލަތަކުގެ އިތުރުން، މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ހިމެނޭ 10 މިލިއަނަށްވުރެ ގިނަ ރުފިޔާވެސް ދައުލަތަށް ނެގުމަށް އެދިފައިވާނޭކަމަށެވެ.

ފާއިތުވެ ދިޔަ އަހަރު ކުށްކޮށްގެން ހޯދާފައިވާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ގެއްލުންވި ފައިސާގެ ބޮޑު އަދަދެއް ހޯދުމަށް އެދިފައިވާއިރު، 2019 ވަނަ އަހަރު މިފަދަ އެއްވެސް ފައިސާއެއް ހޯދުމަށް އެދިފައެއް ނުވެއެވެ.

ޕީޖީ މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، މަނީލޯންޑަރިންގެ މައްސަލަތަކުގައި ގިނަ ދައުވާތަކެއް މިހާރުވެސް ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ތާވަލްކޮށް، ނިހާނުގެ ވަކީލުން އެދިގެން ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް ދަޢުވާގައި ވަނީ 2014 ވަނަ އަހަރު ޕީޖީއަކު ޢައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަރިހު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާކަމަށެވެ.

މަނީލޯންޑަރިންގެ މައްސަލަތަކުގައި ގިނަ ބައެއްގެ މައްސަލަތައް މިހާރުވެސް ތަހުގީގް ކުރަމުންދާއިރު، މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މަނީލޯންޑަރިން އާއި ގުޅުންހުރި އިތުރު މައްސަލަތަކެއްގައިވެސް މިހާރުދަނީ ތަހުގީގްތައް ކުރަމުންނެވެ.