ޚަބަރު

ދެވަނަ ދައުރުގައި ބޮޑު އިންކުއަރީއާއި، 9 ބިލެއްގެ މަސައްކަތް ނިންމި


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 9 ބިލަކާއި، ބޮޑު އިންކުއަރީއެއް ފާސްކޮށްފިއެވެ. މިއީ މަޖިލީހުގެ ތާރީޚުގައިވެސް އެކުލަވާލި މިފަދަ ފުރަތަމަ އިންކުއަރީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައިފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ދެވަނަ ދައުރުގެ މަސައްކަތް ނިންމާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓް މަޖިލީހުން ފާސް ކުރުމަށްފަހުގައެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ވަނީ 39 އިންސައްތަ މަސައްކަތް ނިންމާފައެވެ. އެގޮތުން މަޖިލީހުން ވަނީ ނިމިދިޔަ ދައުރުގައި 9 ބިލެއްގެ މަސައްކަތް ނިންމާފައެވެ. ފާސްކުރި މުހިންމު ބިލްތަކުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ރެވެނިއު ސްޓޭމްޕް އުވާލުމުގެ ބިލުގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

މަޖިލީހުން މިދައުރުގައި ކުރި އެންމެ މުހިންމު މަސައްކަތަކީ ރައީސް ނަޝީދަށް ދެވުނު ހަމަލާގެ އިންކުއަރީ ރިޕޯޓުގެ މަސައްކަތެވެ. ޖުމުލަ 271 ސަފްހާގެމައްޗަށް އެކުލެވޭ މިރިޕޯޓް ތަޅުމުން ފާސްކޮށްފައިވަނީވެސް 7 ގަޑިއިރުގެ ބަހުސްއަކަށްފަހު 58 މެމްބަރުންގެ ވޯޓުންނެވެ.

މިދައުރުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތުން ހުށައެޅި 5 މައްސަލަ ނިންމާފައިވާއިރު، ސަރުކާރުން ހުށައެޅި 8 މައްސަލަ މަޖިލީހުން ނިންމާފައިވެއެވެ. މީގެ އިތުރުން ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި މިދައުރުގައި 6 ސުވާލެއް ވަޒީރުންނާއި މެންބަރުން މިދައުރުގައިވަނީ ކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއިއެކު މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ފަށާނީ އޯގަސްޓް މަހުގެ ތެރޭގައެވެ. މިދައުރު ނިމޭނީ ނޮވެންބަރު މަހުގެ ނިޔަލަށެވެ.