ޚަބަރު

ރާއްޖެ - އިންޑިއާ: ތަރައްޤީގެ މަސައްކަތްތަކާމެދު ދެޤައުމުގެ ވެރިން މަޝްވަރާ ކުރައްވައިފި


ރާއްޖެއާއި އިންޑިޔާގެ ތަރައްޤީގެ މަސައްކަތްތަކައި ދެޤައުމުގެ މަސްލަޙަތު ހިމެނޭ މިސަރަޙައްދުގެ ބައެއް ކަންކަމާމެދު ރައީސޔލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖެއާއި އިންޑިޔާގެ މަސްލަޙަތު ހިމެނޭ ސަރަޙައްދީ މައްސަލަތަކާއި ދެޤައުމުގެ ތަރައްޤީގެ މަސައްކަތްތަކާއި، އެހެނިހެން ގުޅުންތަކާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ފޯނުން މަޝްވަރާކުރެއްވިކަން ދެބޭފުޅުންވެސް ޓްވީޓާރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއިން ހިންގާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައިވާކަމަށެވެ. މީގެއިތުރުން ކޯވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް ދެޤައުމުން ކުރާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލައްވާފައިވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ. މިޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިންޑިއާއިން އަބަދުވެސް ރާއްޖެ އަށް އެހީތެރިވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީ ވަނީ ދެއްވާފައެވެ. އަދި ދާދިފަހުން އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންފައިވާތީ މޯދީވަނީ ދިވެހި ސަރުކާރަށް މަރުޙަބާ ވިދާޅުވެފައެވެ.

މި މަޝްވަރާތަކާ ބެހޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ސަރަހައްދީ މަސްލަހަތާއި ދެޤައުމުގެ މަސްލަހަތު އޮތް ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ކޯވިޑުގެ ބަލިމަޑު ކަމުގެ ތެރޭގައާއި ދިމާވި ދަތިތަކާއި އިޢްތިޞާދީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވުނުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމާއެކު ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރުދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 1981ވަނަ އަހަރު އެއްބަސްވެފައިވާ "އެގްރިމަންޓް އޮން ޓްރޭޑް ކޯޕަރޭޝަން"ގެ ދަށުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ 7 ބާވަތަކާއި ޢިމާރަތްކުރުމަށް ބޭނުންވާ 2 ބާވަތެއް އިންޑިއާއިން ރާއްޖެއަށް އެތެރެކުރުމުގައި އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ކޯޓާވެސް ވަނީ އާ ކޮށްދީފައެވެ. މިއީ އިންޑިއާއިން ޢާއްމުކޮށް އެހެން ޤައުމުތަކަށް އެކްސްޕޯޓުކުރުމުގެ ހުއްދަ ނެތް ބައެއް ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ދޭ ޚާއްސަ ހުއްދައެކެވެ. މިއީ މިހާތަނަށް ކޮންމެ އަހަރަކު އާކުރަންޖެހޭ ކޯޓާއެކެވެ. އެހެންނަމަވެސް މިއަހަރު މިވަނީ މިކޯޓާ 3 އަހަރުދުވަހުގެ މުއްދަތަކަށް އާ ކޮށްފައެވެ. މީގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް ހުއްޓުމެއް އަދި ދަތިކަމެއް ނެތި މުދާ އެތެރެކުރުމުގެ ޔަގީންކަން ލިބިގެންދާނެއެވެ. މި އަހަރު އާކޮށްފައިވާ މިކޯޓާއަކީ މިހާތަނަށް އިންޑިއާއިން ހުއްދަދިން އެންމެ ބޮޑު ކޯޓާއެވެ. މިއީ މިދިޔަ އަހަރުގެ ޔުޓިލައިޒޭޝަނަށް ބަލައި، ދިވެހިރާއްޖެއިން އެދިފައިވާ އަދަދުތަކެވެ. އިމާރާތް ކުރުމުގެ ސިނާޢަތަށް ބޭނުންވާ ކޯޓާ އިތުރުކޮށްފައިވަނީ ކުރިއަށް ހުރި އަހަރު ތަކުގެ ތެރޭގައި ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެކަމަށް ބަލާފައެވެ.

އަވަށްޓެރި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެގިނަ ބޭރުގެ އެހީ ފޯރުކޯށްދޭ އެއް ޤައުމެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން އިންޑިއާގެ ސަރުކާރާ ރާއްޖެއާ ދެމެދު އޮންނަ ގުޅުންވަނީ ވަރަށްބޮޑަށް ހަރުދަނާވެފައެވެ. އެއާއެކު ކޯވިޑްގެ ޙާލަތުގައިވެސް އިންޑިއާއިން އަންނަނީ ރާއްޖެއަށް ވަރަށްބޮޑު އެހީތަކެއް އެތައް ރޮނގަކުން ފޯރުކޯށްދެމުންނެވެ.