ޚަބަރު

އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި ހުރެ، ޕާޓީ އުފައްދަން ހުށަހެޅުމުން ކަމާލުއްދީންގެ ފޯމް ބާތިލްކޮށްފި


މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުމް)ގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމުގެ ސަބަބުން، ސިޔާސީ ޕާޓީއެއް އުފައްދަން އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމް އިލެކްޝަން ކޮމިޝަނުން ބާތިލްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

އިލެކްޝަނަށް ޕާޓީއެއް އުފައްދަވަން ހުށަހަޅުއްވާއިރު، ހުށަހަޅުއްވާ މީހާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީއެއްގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށް ހަބީބު ވިދާޅުވިއެވެ. ކަމާލުއްދީން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ކަމާލުއްދީން ޕާޓީއެއް ހަދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި މިވަނީ، ޖުމްހޫރީ ޕާޓީ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް ވިދާޅުވެފައެވެ.

އިތުރު ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.