ޚަބަރު

ފަތުހުﷲ ޖަމީލް ބިލްޑިންގް ހުޅުވައި، ފޮރިން މިނިސްޓްރީގެ މަސައްކަތްތައް އެއިމާރާތައް ބަދަލުކޮށްފި


ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތުކުރުމަށްފަހު, ފަތުހުالله ޖަމީލް ބިލްޑިންގގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުވައިފިއެވެ. މިއިމާރާތް އަލުން ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ. މިއިމާރާތަކީ ފަތުހުﷲ ޖަމީލުގެ އަމިއްލަ ކުރެހުމެއްގެ މައްޗަށް ފަރުމާކޮށްގެން 3 ރިޔަލެއް އެކުލެވޭ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދައްކުވައިދޭ ވަރަށް ފުރިހަމަ އިމާރާތެކެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތަކީ 2005 ވަނަ އަހަރު ހުޅުވި އިމާރާތެކެވެ. ނަމަވެސް އެ އިމާރާތުގެ ޖާގަ އިތުރުކޮށް އިމާރާތް މަރާމަތުކުރުމަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ވަނީ ޗައިނާގެ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތް ނިމުމުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށާއި، މިނިސްޓްރީން ދޭ ޚިދުމަތްތައްވެސް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މަރާމާތުގެ މަސައްކަތްތައް ކުރުމަށް ބޮޑުތަކުރުފާނު މަގުގެ ބެންކް އޮފް ސިލޯނާއި ޖެހިގެން ހުރި ފޮރިން މިނިސްޓްރީގެ މައި އިމާރާތް ހުސްކުރުމަށްފަހު، އެމިނިސްޓްރީގެ ހިންގުން ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީ ހުރި އެމް.ޓީ.ސީ.ސީގެ އިމާރާތަކަށް ވަގުތީގޮތުން ބަދަލުކޮށްފައިވަނީ 25 އޯގަސްޓް 2019 ގައެވެ. ފޮރިން މިނިސްޓްރީން ފޯރުކޮށްދެމުންދިޔަ ކޮންސިއުލަރ ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ދިޔައީ އެ މިނިސްޓްރީގެ ވަގުތީ އިމާރާތުންނެވެ.

ފޮރިން މިނިސްޓްރީގެ މައި އިމާރާތް މަރާމާތުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ ޗައިނާ އެއިޑްގެ ދަށުންނެވެ.

ފުރިން މިނިސްޓްރީގެ އިމާރާތް އަލުން ހުޅުވާފައި މިވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަދުވަސްތަކެއް ވަންދެން އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ކުރީގެ ޚާރިޖީ ވަޒީރު މަރުހޫމް ފަތުޙުﷲ ޖަމީލުގެ ނަމުން ނަން ދިނުމަށްފަހުއެވެ. މަރުހޫމް ފަތުހުﷲ ޖަމީލުގެ އިމާރާތުގައި ކުރީގެ ވަޒީރުކަން ކުރައްވައި ދުނިޔެ ދޫކުރައްވާފައިވާ ބައެއް ބޭފުޅުންގެ ނަންފުޅުތަކުން ބައެއް މާލަންތަކަށް ނަން ދެއްވާފައިވެއެވެ. އެގޮތުން ހަސަން ފަރީދު މާލަމަކާއި، އަލް އަމީރު މުހައްމަދު އަމީންއާއި، އިބްރާހިމް ފާމުދޭރި ކިލޭގެފާނާއި، އަލްއަމީރު އިބްރާހިމް ނާސިރާއި، އަހުމަދު ޒަކީ އިތުރުން ޑރ.އަބްދުއް ސަމަދު އަބްދުﷲގެ ނަމުން ނަންދީފައިވާ މާލަންތައް މިއިމާރާތުގައި ހިމެނެއެވެ

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް، ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 18 ނޮވެމްބަރ 1969 ގައެވެ. ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ އަދި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނު އެންމެ ފުރަތަމަ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެވުނީ، ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، 14 މާޗް 1978 ގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް 11 ނޮވެމްބަރ 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީވެސް އަލްއުސްތާޛު ފަތުޙުﷲ ޖަމީލެވެ. އެމަގާމުން 14 ޖުލައި 2005 ގައި އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ހަމަޖެއްސެވިއެވެ. އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އެންމެފަހުން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމުގެ މަގާމުގައެވެ.

މަރްހޫމް އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، ދައުލަތަށް ކުރައްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ރައީސް މައުމޫންވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (ނ.ޢ.ޢ.ވ) އަރުވާފައެވެ. އަދި 2 ޑިސެމްބަރ 2008 ގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށް، ކުރީގެ ރައީސް މުޙަންމަދު ނަޝީދުވަނީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބު އަރުވާފައެވެ.

ފަތުހުالله ޖަމީލް ބިލްޑިންގ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މިހާރުގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި ފަތުހުالله ޖަމީލުގެ އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.