ޚަބަރު

ކޮނޑޭ އަލިމަނިކަކީ ދިވެހިރާއްޖޭގެ އަަޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް


މަރުޙޫމް ކޮނޑޭ ޢަލި މަނިކަކީ ރާއްޖެއަށް ރޭޑިޔޯގެ ޚިދުމަތް ތަޢާރުފު ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިމަނިކު ނިޔާވުމާ ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އުމުރުފުޅުން 87 އަހަރުގައި އަލީ މަނިކު (ކޮނޑޭ އަލި މަނިކު) ނިޔާވީ ހެނދުނުގެ ވަގުތެއްގައެވެ.

ކޮނޑޭ އަލި މަނކު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވިޓުގައިވަނީ އަލިމަނިކަކީ ރާއްޖެއަށް ރޭޑިޔޯގެ ޚިދުމަތް ތަޢާރުފު ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެއް ކަން ފާހަގަކުރައްވައި، އަލިމަނިކުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވެޑައިގެން ދުޢާކުރައްވާފައެވެ.

އަލީ މަނިކަކީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތް ތަޢާރަފް ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ފަންނީ މޭސްތިރިއެކެވެ. ކޮނޑޭ އަލި މަނިކަކީ ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގގައި ރަން އަކުރުން ފަވާލަން ޖެހޭ އަދި ރޭޑިއޯ ބްރޯޑްކާސްޓިންގއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

އަލީ މަނިކު އަޑުގެ ޚިދުމަތާ ގުޅުނީ 1966 ވަނަ އަހަރުގައި ވޯކްޝޮޕް އެހީތެރިއެއްގެ މަޤާމަށެވެ. އޭނާވަނީ ދިވެހިރާއްޖޭގެ އަޑަށް 40 އަހަރަށްވުރެ ގިނަދުވަސް ވަންދެއް ޚިދުމަތް ކޮށްދެއްވާފައެވެ. ދިވެހި ރާއްޖޭގެ އަޑުގައި އޭނާ ވަނީ ވޯކްޝޮޕްގެ އެހީތެރިއާގެ މަޤާމާއި ޓެކްނީޝަނެއްގެ މަޤާމާއި ސީނިއަރ ޓެކްނީޝަންކަމާއި ޗީފް ޓެކްނީޝަން ކަމުގެ އިތުރަށް އިންޖިނިއަރކަމުގެ މަޤާމްވެސް އަދާކުރައްވާފައެވެ. އޭނާގެ ޚިދުމަތް ބޮޑަށް ފާހަގަވެގެންދަނީ ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތައް ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ތައްޔާރުކުރެވުނު ޓްރާންސްމީޓަރުތައް ރާއްޖޭގައި އުފެއްދުމުގައި އަމަލީގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްބޭފުޅެއްގެ ގޮތުގައެވެ. ރާއްޖޭގެ ރަށްރަށަށް ރޭޑިއޯގެ ޚިދުމަތް ލިބިގެންދިޔައީ މިޓްރާންސްމީޓަރުތަކުގެ އެހީގައެވެ. ރާއްޖޭގައި ރޭޑިއޯ ސްޓޭޝަނެއް އުފެއްދުމަށް ސަރުކާރުން ގެންނެވި ބޭރުގެ ތަޖުރިބާކާރެއްކަމުގައިވާ ސްރީލަންކާގެ ވިކްރަމަސިންގހަގެ ގާތުން ޓެކްނިކަލް މަސައްކަތާއި އަދި ބްރޯޑްކާސްޓުކުރުމަށް ބޭނުންކުރާ ތަކެތި އުފައްދަން ދަސްކުރި ދެ މުވައްޒަފުންގެ ތެރެއިން ކޮނޑޭއަލިމަނިކަކީ އެއްބޭފުޅެވެ. ޓްރާންސްމީޓަރުތަކުގެ އިތުރަށް ރޭޑިއޯގެ އަޑު ދުރަށް ފޮނުވަން ބޭނުންކުރާ މިކްސަރާއި އެހެންވެސް ތަކެތި އަލިމަނިކު ދިވެހި ރާއްޖޭގެ އަޑަށް އުފައްދަވާދެއްވާފައިވެއެވެ. ފަހުން އޭނާ ވެލެއްވީ ދިވެހި ރާއްޖޭގައި އަޑުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންނަށް އެރޮނގުން ތަމްރީނު ދެއްވުމުގައި ހަރަކާތްތެރިވެލެއްވި އެންމެ އިސް އެއް ފަރާތްކަމުގައެވެ. ދިވެހިރާއްޖޭގެ އަޑުގައި އުފެދުނު ގިނަ ޓެކްނީޝަނުންނަކީ އޭނާގެ ދަރިވަރުންނެވެ.

ކޮނޑޭ އަލިމަނިކަކީ ދިވެހި ރާއްޖޭގެ އަޑުގައ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެއެވެ.

ދިވެހި ރާއްޖޭގެ އަޑަށް 50 އަހަރު ފުރުމުން ބޭއްވި ހަފްލާގައި އަލި މަނިކަށްވަނީ ޚިދުމަތުގެ ރަން ހަނދާނުގެ ޝަރަފުވެރިކަމުގެ އައްޑަނަ އަރުވާފައެވެ. މިއީ އެ ހަފްލާގައި ދިން އެންމެ މަތީ ޝަރަފުވެސްމެއެވެ. އޭނާގެ ހަނަދާން ދިވެހި ރާއްޖޭގެ އަޑު އަދި ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާ އަބަދުމެ ހަނދާންކުރާނެއެވެ.

އަލިމަނިކުގެ ކަށުނަމާދު އޮތީ މިރޭގެ މަޣުރިބު ނަމާދަށްފަހު އާސަހަރާގައެވެ.