ފުލުހުންނަށް ބޭނުންވާ ވަޞީލަތަކާއި އެހީތެރިކަން ކުރިޔަށްވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށާއި، ފުލުހުން ޤާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިޔަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އައު ޤާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށެވެ. އެގޮތުން މިހާރު ފުލުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓަރޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖުތަމަޢަށް އެންމެ ބޮޑަށް ބޭނުންވަނީ ޤާނޫނުތައް ހިންގުންކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމަށެވެ. އަދި ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަކުރެއްވުމުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ވަޞީލަތާއި ޢުމްރާނީގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ މަސައްކަތް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންވެސް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ފުލުހުންގެ މަސައްކަތާއި ގުޅިފައިވާ އެހެން މުއައްސަސާތަކުންވެސް ފުލުހުންނާ ގުޅިގެން ބާރު ސްޕީޑުގައި ކަންކަން ކުރިޔަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުންގެ އައު ޤާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކާއި އަދި މީހުން ބިނާކުރުންފަދަ ފުލުހުންގެ ޚިދުމަތުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ ބައެއް މަސައްކަތްތައް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ބައްލަވާލައްވާފައެވެ.