ޚަބަރު

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ. ކުރިން މި ގޮޅިތަކަށް އެދުމުގެ ފުރުޞަތު އަންނަމަހުގެ 2އާ ހަމައަށް ހުޅުވާލި ނަމަވެސް ސިޓީ ކައުންސިލުން މިހާރުވަނީ އެ މުއްދަތު އަންނަ މަހުގެ 17 އާ ހަމަޔަށް އިތުރުކޮށްދީފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ، ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިޢުލާނުން ދެވިފައިނުވާތީ ގިނަ ފަރާތްތަކަކަށް ދަތިތަކާ ކުރިމަތިވަމުންދާތީކަމަށެވެ.

މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބު ހެދީމައި ޖެހޭ އަގެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000 ރުފިޔާކަމަށެވެ. އަދި ގޮޅިތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓްކަމަށެވެ. ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް ކަމަށާއި ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓްކަމަށެވެ. އަދި އެ ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމްކަމަށާއި އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭގޮތަށް ހަމަޖައްސާފައިވާކަމަށެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންކަމަށާއި ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރާނެކަމަށެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މާރުކޭޓް ގޮޅިތައް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތައް ދޫކުރި މުއްދަތު ހަމަވެފައިވާތީކަމަށެވެ.