މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވާ ގްރިޑުގެ ފުރަތަމަ ސާކިޓް އެނަރޖައިޒްކޮށްފިއެވެ.
ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މި މަސައްކަތް މިމަހުގެ 4 ދުވަހެއްގައި ކުރުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އަދި މަސައްކަތް ކުރިއަށްދާ ދުވަސްތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ، ގްރޭޓަރ މާލެ ގްރިޑް އެނަޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބުކަމަށެވެ. އަދި އެ މަސައްކަތުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ކުރިމަތިނުވާކަމަށާއި، ގްރިޑުގެ ފުރަތަމަ ސާކިޓް މިހާރު އެނަރޖައިޒް ކޮށްފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ހުޅުލޭ އިންޖީނުގެއާއި މާލޭ އިންޖީނުގެ ސިންކްރޮނައިޒް ކުރުމުގެ މަސައްކަތް މިއަދު ކުރާނެއެވެ.
މި ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުމަށް ސްޓެލްކޯއިން ތާވަލްކޮށްފައިވަނީ އަންނަ ބުދަދުވަހުއެވެ. އެދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށް މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މަސައްކަތުގެ ފަހު ދުވަސްކަމުގައިވާ އަންނަ ބުރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތެވެ.
ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލާނެއެވެ. އެއާއެކު މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.
މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.